ކުރި އަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ސްޕޭނުގެ ބާސެލޯނާއިން ޖަޕާނުގެ ވިސެލް ކޯބާ ދެކޮޅަށް ކުޅުނު މެޗު 3-1އިން ކާމިޔާބު ކޮށްފި އެވެ.
ޖަޕާނާއި ކޮރެޔާ އަށް ބާސެލޯނާ ކުރަމުންދާ ދަތުރުގައި މި މެޗުގައި ގޯލު ޖަހާފައިވަނީ 33 ވަނަ މިނިޓްގައި ޑިފެންޑަރު އެރިކް ގާސިއާ އާއި މެޗު ނިމެން 13 މިނިޓަށް ވެފައިވަނިކޮށް ރޫނީ ބާރްޖީ އާއި 87 ވަނަ މިނިޓްގައި ފަބްލޯ ފެނާންޑޭޒެވެ. ބާސެލޯނާ ކޮޅަށް ވިސެލް ކޯބްގެ ލަނޑު ޖެހީ 42 ވަނަ މިނިޓްގައި މިޔަޝީރޯ އެވެ.
މި މެޗުގައި ބާސެލޯނާއިން މެޗު ފެށީ ޓީމަށް އަލަށް ގެނައި ކީޕަރު ޖޯން ގާސިއާ ހިމަނައިގެންނެވެ. އަދި ކުވޭތުގެ ރޫނީ ބާރްޖީގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން ގެނައި އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ވެސް ފަހު ހާފުގައި ކުޅެން ނުކުތެވެ. މީގެ އިތުރުން ބާސެލޯނާގެ މުހިންމު ހުރިހާ ތަރިން ވެސް މެޗުގައި ކުޅުނެވެ.
މި މެޗަށް ފަހު ބާސެލޯނާއިން ދެން ދަތުރު ކުރާނީ ކޮރެޔާ އަށެވެ. އޭޝިއާ މާކެޓަކީ ސްޕޭނުގެ ކުލަބުތަކަށް ޕްރީ ސީޒަނުގައި ގިނަ ފައިދާތަކެއްވާ ސަރަހައްދެކެވެ. މި ގޮތުން ބާސެލޯނާއިން އޭޝިއާ އަށް ކުރާ ދަތުރުން އެކަނި ވެސް 10 މިލިއަން ޔޫރޯ ފައިދާވާނެ ކަމަށް އެ ކުލަބުން ވަނީ އަންދާޒާ ކޮށްފަ އެވެ.