ޚަބަރު

ފުލުހުންގެ ޚިދުމަތް ޒަމާނާއި އެއްގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހަދާނަން: ސީޕީ ނަވީން


  • ގޭންގު ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެއްވި

  • މިނިވަންކަމާއި އަމަން އަމާންކަން ގާއިމްކޮށް ރައްކާތެރިކުރުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއް

ފުލުހުންގެ ޚިދުމަތް ޒަމާނާއި އެއްގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހައްދަވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާއި ބަދައްލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލުހުންނާއި ސިފައިންނާއި އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ވަރަށް ތާރީޚީ ރަސްމިއްޔާތެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ނަވީން ވިދާޅުވީ، ދިވެހި ފުލުހުންނަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ބައެއްކަމަށެވެ. އެގޮތުން މުޖްތަމައުގެ މިނިވަންކަމާއި އަމަން އަމާންކަން ގާއިމްކޮށް ރައްކާތެރިކުރުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއްކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. އަދި ފުލުހުންގެ ކޮންމެ ޔުނީފޯރމަކުން ދައްކުވައިދެނީ ޤައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ޚާއްސަ ޚިދުމަތްކަމަށް ނަވީން ފާހަގަކުރެއްވިއެވެ.

ނަވީން ވިދާޅުވީ، ފުލުހުންގެ ކޮންމެ ހަރަކާތަކުން މުޖްތަމައުއަށް އަންނަ ބަދަހިކަމާއި، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަށާއި ރާއްޖެ މިނިވަން ރައްކާތެރި ޤައުމަކަށް ހެދުމަށް ކުށްތަކާއި ކުށުގެ ބިރުވެރިކަމުން މުޖްތަމައު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމާއި ރޭވިގެން ހިނގޭ ޓެރަރިޒަމް އަމަލުތަކާއި ގޭންގު ކުށްތައް ފަދަ ކުށްތައް ހުއްޓުވުމާއި ކުޑަކުދިންނާ މެދު ކުރެވޭ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމަށް ސިޕީ ނަވީން ވިދާޅުވިއެވެ. ސިޕީ ނަވީން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"60 ވަނަ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާ ޔަޤީންކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން. ކާރިސާތަކާއި ހާދިސާތަކުގައި ރައްޔިތުންނަށް ކުރިމަތިވާ ހާލަތްތަކުން އަރައިގަތުމަށް އާންމު ހާލަތްތަކަށް ގެނައުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން." ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތް ޒަމާނާއި އެއްގޮތަށް ބައްޓަންކޮށް މީހުން ބިނާ ކުރުމަށާއި އޮޕަރޭޝަނަލް އަދި ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންގެ އިތުބާރު އެ ޚިދުމަތައް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ބުރަ މަސައްކަތްޕުޅު ސީޕީ ވަނީ ފާހަގަކޮށްފައެވެ.