ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑިޕޯލް، އެ ކުލަބު ދޫކޮށް އެމެރިކާގެ އިންޓަރ މަޔާމީއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 31 އަހަރުގެ ޑިޕޯލް އިންޓަރ މަޔާމީ އަށް ބަދަލުވާން ނިންމިއިރު އެ ކްލަބަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީވެސް ކުޅެމުންދާ ކްލަބެވެ. އަދި އިންޓަރ މަޔާމީ އަށް މި ވަގުތު ކޯޗު ކޮށްދެމުންދަނީ މެސީ އާއިއެކު ކުރިން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު ހާވިއާ މަޝެރާނޯ އެވެ.
އާޖެންޓީނާގެ ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތްލެޓިކޯ މެޑްރިޑްގައި ޑިޕޯލް ހޭދަކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 200 ވަރަކަށް މެޗު ކުޅެދީފަ އެވެ.
2012 ވަނަ އަހަރު އާޖެންޓީނާގެ ކްލަބް ރޭސިން އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށި ރޮޑްރިގޯ ޑިޕޯލް ވަނީ އޭގެ ފަހުން ސްޕެއިންގެ ވެލެންސިއާގެ އިތުރުން އިޓަލީގެ އުދިނޭސީ އަށްވެސް ކުޅެފަ އެވެ.
ރޮޑްރިގޯ ޑިޕޯލް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑްކަޕްގަ އެވެ. އޭނާ ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދިއިރު އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޑިޕޯލް ވަނީ އާޖެންޓީނާ އާއިއެކު ފީފާ ވޯލްޑްކަޕްގެ އިތުރުން ދެ ފަހަރު މަތިން ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަމާއި ފައިނަލިސީމާގެ ރަން މެޑަލް ހޯދާފަ އެވެ.
ލިއޮނެލް މެސީ އާއި ގާތް ގުޅުމެއް ބާއްވާ ކުޅުންތެރިއެއްގެ ގޮތުގައި ޑިޕޯލް ފާހަގަވެފައިވާއިރު އިންޓަރ މަޔާމީގެ ވެރިޔާ އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިތުރުން މެސީ އާއިއެކު ޑިޕޯލް ވަނީ މަޔާމީގައި ދާދި ފަހުން ބައްދަލުކޮށްފަ އެވެ.