ޕޭމެންޓް މޯލްޑިވްސް ނަމުގައި ވަކި ކުންފުންޏެއް އުފައްދައި ޤައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކުން މިކަން ހާމަކޮށްފައިވަނީ ފަވަރަ ނިޒާމާއި އިންޑިއާގެ ޕޭމެންޓް ނިޒާމު ޔޫޕިއައި ގުޅާލުމާއި ގުޅޭގޮތުން އެއިދާރާއިން ނެރުނު ބަޔާނުގައެވެ.
އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި އެމްއެމްއޭއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި އެމްއެމްއޭއިން ވިދާޅުވީ މި އެއްބަސްވުމާއެކު ދެ ޤައުމުގެ ދެމެދު ފަސޭހަކާމާއެކު އާންމު ރައްޔިތުންނަށް މާލީ މުޢާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މިގޮތުން މިއެއްބަސްވުމާ އެކު، ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ދިވެހިރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހުވެގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާވާލުމުން ފަރުދުންގެ ފައިސާގެ މުޢާމަލާތް ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި ޚިދުމަތްތައް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ތަޢާރަފްކުރާނެއެވެ. ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުޢާމަލާތްތައް ފަސޭހަކަމާއިއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ކުރެވޭނެ ނިޒާމެއް ތަޢާރަފްކުރާނެއެވެ. މި ޚިދުމަތްތައް ތަޢާރަފް ކުރުމަށް ރޭވިފައިވަނީ ދެޤައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގައި އެ ޤައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރެވޭނެ ގޮތަށް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭއިން ވިދާޅުވީ "ޕޭމެންޓް މޯލްޑިވްސް" ނަމުގައި ވަކި ކުންފުންޏެއް ހަދައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ޤައުމީ ޕޭމެންޓު ނުވަތަ ފައިސާގެ މުޢަމާލާތުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އެކުންފުނީގެ ދަށުން ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތައް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ. އަދި މިއީ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ހިންގަމުންދާ މޮޑެލްއެއްކަން އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ. މިކަން ތަންފީޒުކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.
މީގެ އިތުރުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލައި، މަސައްކަތް ކުރަމުންދާކަން މަރުކަޒީ ބޭންކުން ވަނީ ހާމަކުރައްވާފައެވެ. މިއީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މީގެ ސަބަބުން ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ ދެމެދުގައި ކުރާ ބައިނަލްއަޤްވާމީ މުޢާމަލާތްތަށްވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް މިކަން ވާނެ ކަމަށް މަރުކަޒީން ބޭންކުން ވިދާޅުވިއެވެ.