ޚަބަރު

މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި މާދަމާ ރޭ ހަވާ އަރުވަނީ


  • މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި

  • ވައިގެ ބަނދަރު ކައިރިން 3 ސަރަހައްދަކުން ހަވާ އަރުވާނެ

  • ހަވާ އަރުވާނީ 6 މިނިޓު ވަންދެން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ، މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގަޔާއި، ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައެވެ. އެގޮތުން މާދަމާ ރޭ 20:30 އިން ފެށިގެން 6 މިނިޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މާދަމާ ރޭ ހަވާއަރުވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައެވެ.

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ 60ވަނަ މިނިވަންދުވަހާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށްޓަކައި އެމްއޭސީއެލްއިން އަންނަނީ ތައްޔާރުވަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލަކީ ބައިނަލްއަޤްވާމީ އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދިނުމަށް ތައްޔާރުކުރަމުންދާ ތަނެކެވެ. އައު ޓަރމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. ކުރީގެ ޓާމިނަލަށް ވުރެ ތަނަވެސް އަދި އިތުރު ވިޔަފާރި ޖާގަތައްވެސް އައު ޓާމިނަލުގައި ހުންނައިރު، އައު ޓާމިނަލާއެކު ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ވަންނަ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ.