އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކޮށްފިއެވެ.
މި މަޝްރޫއުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ބޭއްވެވި ރަސްމިއްޔާތުގައި ވާޗުއަލްކޮށެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭހެން 40 ކިލޯމީޓަރުގެ މަގު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ ޑްރެއިނޭޖް ސިސްޓަމަކީ އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭނެހެން ޤާއިމްކޮށްފައިވާ ނިޒާމެކެވެ.
މީގެއިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ޙާލަތު ރަގަޅުކުރުމަށްޓަކައި 3.4 ކިލޯ މީޓަރުގެ މަގު އަލުން ރިސަރފެސްވެސް ވަނީ ކޮށްފައެވެ. މިމަޝްރޫޢުގެ ތެރެއިން މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ބޭނުންވާ މަގުބައްތިތަކާއި އަދި ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ސަވައިލަންސް ކެމެރާތައް މަގުގެ އެކި ސަރަޙައްދުތަކުގައިވަނީ ހަރުކޮށްފައެވެ.
މިމަޝްރޫޢުގެ ތެރެއިން ހިތަދޫ ގައުކެނޑެ ސަރަޙައްދުން ފެށިގެން މަރަދޫއަށް ހަންކެނޑެ ހުރަސްކޮށް 4 ލޭންގެ މައްޗަށް އެކުލެވޭ ގޮތަށް 1.463 ކިލޯމީޓަރުގެ އައުމަގެއް ހަދައި ވަނީ ޓްރެފިކަށް ހުޅުވާލާފައެވެ.
މިމަޝްރޫޢުތަކުގެ އިތުރަށް މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ އައުޓް ޑޯ 2 ޖިމާއި، އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ ސްމޯލް ސްކޭލް ފިޝް ޕްރޮސެސިން ޕްލާންޓާއި، ގދ. ވާދޫގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމުގެ މަސައްކަތުގެ ނިމުންވެސް ފާހަގަކޮށްފައެވެ. އަދި ގދ. ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ ޔޫތު ސެންޓަރާއި ށ. ކަނޑިތީމުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތުގެ ނިމުންވެސް ފާހަގަކޮށްދެއްވާފައެވެ.