މިލަދުންމަޑުލު ދެކުނުބުރީ ނ. ފޮއްދޫ ސިއްޙީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ފޮއްދޫ ސިއްޙީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮއްދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
ފޮއްދޫގައި ތަރައްޤީ ކުރަނީ 16 އެނދުގެ ސިއްޙީ މަރުކަޒެކެވެ. މިމަޝްރޫޢަކީ ސަރުކާރުން 26.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންވަނީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާވެސް އަޅުއްވައިދެއްވާފައެވެ.