މިހާރު ކުރިއަށްދާ އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް އިންގްލެންޑް އިން ހޯދައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑް އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެ އިތުރު ވަގުތުގެ ކުޅުމުގައި އިންގްލެންޑްގެ ކްލޯއޭ ކެލީ ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ޖެނީވް ސްޓޭޑިއަމްގައި ސައްބީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އިންގްލެންޑް އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 33 ވަނަ މިނިޓުގައި އިޓަލީގެ ބާބަރާ ބޮނަންސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އިޓަލީ އިން ހޯދިއިރު މިއީ މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާ ހޯދާފައިވާ ޓީމެވެ.
އިޓަލީ އިން ފުރަތަމަ ހާފުގައި ލަނޑު ޖަހާ ލީޑު ނެގުމާއިއެކު މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑް އިން ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުން ރަގަޅުކޮށްފަ އެވެ.
އިންގްލެންޑް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 90 މިނިޓު ހަމަވެ އިންޖަރީ ވަގުތުގެ ހަވަނަ މިނިޓުގައި މިޝޭލް އަގިޔެމަންގް ކާމިޔާބުކޮށްދިން ލަނޑެވެ. މިއީ 19 އަހަރުގެ އަގިޔެމަންގް މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.
މި މެޗުން އިންގްލެންޑް މޮޅުވެފައިވަނީ އިތުރު ވަގުތުގެ 30 މިނިޓު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ކެލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއް ކެލީ ފޮނުވާލިއިރު އިޓަލީގެ ކީޕަރު މަތަ ކުރުމުން ބޭރަށް ނިކުތް ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މުބާރާތުގެ ފައިނަލުގައި އިންގްލެންޑް އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިން އާއި ޖަރުމަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.
އިންގްލެންޑް އަތުން ބަލިވެ އިޓަލީ މި މުބާރާތުން ކެޓި ނަމަވެސް މިއީ 1997 ވަނަ އަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އިޓަލީ ދަތުރު ކުރި ފުރަތަމަ ފަހަރެވެ.