ޚަބަރު

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކުރަން ރައީސް އަންގަވައިފި


  • މިއަހަރު 806 ދަރިވަރުން ޝަރުތު ހަމަވޭ

  • ވުޒާރާއިން މިހާރު ވަނީ ޝަރުތު ހަަމަވި ދަރިވަރުންނަށް އެކަން އަންގާފަ

  • މުޅި ޖުމްލަ 1338 ދަރިވަރުން ކުރިމަތިލި

ރާއްޖެއާ ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ، ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާ ބެހޭ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ނިންމެވުމުގެދަށުން މިއަހަރު ލޯނަށް ޝަތުރު ހަމަވި، 806 ދަތިވަރުނަށްވެސް މި ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓު މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިހާރު ވަނީ އާންމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ. މަތީ ތަޢުލީމުގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. މިއަހަރު ސްޓޫޑެންޓް ލޯނަށް މުޅި ޖުމްލަ 1338 ދަރިވަރުން ކުރިމަތިލިއިރު، 806 ދަރިވަރުން ޝަރުތު ހަމަވެއެވެ.

މި ފުރުޞަތު ސަރުކާރުން ހުޅުވާލާފައިވަނީ އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެގޮތަށެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.