ނ. އަތޮޅު ހޮސްޕިޓަލްގައި އިތުރު ޚިދުމަތްތައް ފެށުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ސިއްޙީ ދާއިރާއަށް އަންނަން ޖެހޭ ކުރިއެރުންތަކަށްކަމަށެވެ. ނ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޚީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާގެ މުހިއްމު ތަޞައްވަރެއް އޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ
އެކަން ހާސިލްކުރުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ އަތޮޅު ހޮސްޕިޓަލްގެ އިންފްރަރސްޓްރަކްޗަރ ހަރުދަނާ ކުރުމާއި ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ފުޅާކުރުންކަމަށެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާއެޅުމަކީ އޭގެ މުހިއްމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެތަނުގައި އިތުރު ޚިދުމަތްތައް ދިނުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒްކުރަމުން ގެންދާނަން. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ސއްިޙީ ޚިދުމަތަށް ދަތިވެފައިވާ އެންމެ މުހިއްމު ކަންކަމުގައިވާ އިންފްރަރސްޓްރަކްޗަރގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު މަޝްރޫޢޫތަކުގައި ސޮއިކުރުން މިއަދާއި މާދަމާ ހަވާލުކުރެވޭނެ." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މިހާރު ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމާ އަތޮޅު ހޮސްޕިޓަތަލްތަކުގައި އިތުރު ޚިދުމަތްތައް ފަށާ، ބޭސް ފަރުވާ ކުރުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ ނިސްބަތް މަދުކުރުން ކަމަށެވެ. މިގޮތުން ސައިކެޓްރީއާއި ފިޒިއޮތެރަޕީއާއި ސްޕީޗް ތެރަޕީފަދަ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅަކުރުމަކީ މުހިއްމު ސިޔާސަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރޭ މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގައި އައު ހޮސްޕިޓަލްގެ އެޅުމުގެ މަސައްކަތް ނިމެންދެން، މިހާރުގެ ހޮސްޕިޓަލަށް އިތުރު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމަށެވެ. އެގޮތުން އެކަމަށް ފަންނީ މީހުން ހޯދުން ކުރިއަށްދާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ފާއިތުވި ދޮޅު އަހަރުތެރޭ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތެއް ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫޢުތައް ނިމި އަދި އައު މަޝްރޫޢުތައް ފެށޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ނ.އަތޮޅުގެ ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީވެސް މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.