ކުޅިވަރު

މަރަޑޯނާ އަތުން ގޯލު ޖެހި މެޗުގައި އިނގިރޭސި ކީޕަރުގެ ޖާޒީ ނީލަން ކިޔަނީ


އާޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ އަތުން ގޯލު ޖެހި މެޗުގައި އިނގިރޭސިވިލާތުގެ ކީޕަރު ޕީޓަރ ޝިލްޓަން ލައިގެން ހުރި ޖާޒީ ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާ އަތުން ޖެހި ގޯލު ރެފްރީ ބަލައިގަތެވެ. އަދި މަކަރު ހޭނާ ޖެހި މި ގޯލުގެ ވާހަކަ އޭނާ ފަޅާ އަރުވާލީ އޭގެ އަހަރުތަކެއް ފަހުން އެ ވާހަކަ ދައްކަމުންނެވެ. މި ގޯލަށް ދީފައިވާ ވަނަމަކީ ހޭންޑް އޮފް ގޯޑް އެވެ.

މި ގޯލުގެ ސަބަބުން ވޯލްޑް ކަޕުގެ ތާރީހުގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ ވެސް މިއީ އެވެ. މި މެޗުގައި ޝިލްޓަން ޖާޒީ ނީލަމުގައި 3 ލައްކަ ޕައުންޑަށް ވިއްކާލެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. މި މެޗުގައި މަރަޑޯނާ ލައިގެން ހުރި 10 ނަންބަރު ޖާޒީ 2022 ވަނަ އަހަރު ވަނީ ނީލަން ކިޔައިފަ އެވެ. އެ ޖާޒީ ވިކިފައިވަނީ 7.1 މިލިއަން ޕައުންޑަށެވެ.

ޝިލްޓަންގެ ޖާޒީ ނީލަން ކިއުމުގެ ރަސްމިއްޔާ ބާއްވާނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ. މިއީ އެމެރިކާގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް ބާއްވާ ދުވަސްވަރެވެ. ނީލަން އިންތިޒާމް ކުރާ ފަރާތުން ޖުލައި މަހު މި އިވެންޓް ބާއްވަން ނިންމީ ވެސް ވޯލްޑް ކަޕާ ދިމާކޮށް، ނީލަމުގެ އަގު އުފުލިދާނެ ކަމަށް ބަލައިފަ އެވެ.