ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައިމުކުރާ އިސްލާމީ ކުތުބުޚާނާތަކުގެ ތެރެއިން ގދ. ތިނަދޫ އަދި ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާގެ މަސައްކަތް، އޮގަސްޓުމަހުގެ ނިޔަލަށް ނިންމާ، ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުތަކުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އައްޝައިޚް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރުމަކީ އެ ވުޒާރާގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.
އަދި އަތޮޅުތެރޭގެ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ރާއްޖޭގެ އުތުރުން ދެކުނަށް އެ ވުޒާރާއިން ކަނޑައަޅާ ބައެއް ސަރަޙައްދުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމުގެ މަސައްކަތް މިހަފްތާތެރޭ ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
މީގެއިތުރުން އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، އިސްލާމީ ކުތުބުޚާނާގެ މަސައްކަތްތަކަށް އެ ވުޒާރާއިން ޓާސްކްފޯހެއް އެކުލަވާލާފައިވާކަމަށެވެ. އަދި އެ ޓާސްކްފޯހުގެ ދަށުން ގދ. ތިނަދޫއާއި ރ.އުނގޫފާރުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާގެ މަސައްކަތް އޮގަސްޓުމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"ލައިބްރަރީގެ މަސައްކަތްތަކަށް ޓާސްކްފޯހެއް އެކުލަވާލާފަވަނީ، އެ ޓާސްކްފޯހުގެ ބެލުމުގެ ދަށުން އެންމެ ފުރަތަމަ ޤާއިމްކުރަން މިއޮތީ ގދ.ތިނަދޫ އިސްލާމިކް ސެންޓަރުގައި ޤާއިމުކުރެވޭ ލައިބްރަރީއާއި ރ. އުނގޫފާރުގައި ޤާއިމްކުރެވޭ ލައިބްރަރީ، މި ދެ ލައިބްރަރީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން، ޓާގެޓަކީ 31 އޮގަސްޓްގެ ކުރިން މަސައްކަތް ނިންމާލެވޭތޯ." އުސާމް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އަތޮޅުތަކުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް އަޙުމަދު ޝާތިރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ އަލަށް ހުޅުވޭ އިސްލާމީ މަރުކަޒުތައް ހުޅުވޭއިރު އިސްލާމީ ކުތުބުޚާނާއެކު ހުޅުވުމަށްކަމަށެވެ. އެގޮތުން މަސައްކަތްކުރައްވަނީ ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވޭއިރު އިސްލާމީ ކުތުބުޚާނާއާއެކުު ހުޅުވުންކަަމަށެވެ.
މީގެއިތުރުން އަލްއުސްތާޛް އަޙްމަދު ޝާތިރު ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަށްފަހު ދެން އެންމެ އަވަހަށް ހުޅުވޭނީ ސ. ހިތަދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒާއި، ޏ. ފުވައްމުލަކުގެ ޤުރުއާނާބެހޭ މަރުކަޒުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.