ޚަބަރު

ޖަރުމަނުގައި އޮންނަ "އޭޝިއާ ބަރލިން ސަމިޓު" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް


  • ސަމިޓް އޮންނާނީ ނޮވެމްބަރު މަހުގެ 24 އިން 28 އަށް

  • ސަމިޓުގައި މައިގަނޑު 5 ދާއިރާއަކަށް އަލިއަޅުވާލާނެ

ޖަރުމަނުވިލާތުގެ ވެރިރަށް، ބަރލިންގައި އޮންނަ "އޭޝިއާ ބަރލިން ސަމިޓު" ގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

"އޭޝިއާ ބަރލިން ސަމިޓު" އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 28 އަށެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ސަމިޓްގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަން، ބަރލިން ގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަނުވިލާތުގެ ސަރުކާރުން އެ ވުޒާރާއަށް އަންގަވާފައިވާކަމަށެވެ.

"ކަނެކްޓިންގ ސްޓާޓްއަޕް އީކޯސިސްޓަމްސް ފޮރ ޑައިވާސިޓީ އެންޑް އިނޮވޭޝަން" މި ޝިއާރުގެ ދަށުން ބޭއްވޭ މި ސަމިޓަކީ ބައިނަލްއަޤްވާމީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި 5 ދާއިރާއަކަށް އަލިއަޅުވާލެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެއީ ސިއްޙީ ދާއިރާ، ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީއެވެ.

އޭޝިއާ-ބަރލިން ސަމިޓަކީ، ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓްއަޕް އިކޯސިސްޓަމް ދައްކާލުމަށް އަގުހުރި ޕްލެޓްފޯމެކެވެ. އެކި ގައުމު ތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި ހަރަކާރްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެކްސްކްލޫސިވް ރައުންޑް ޓޭބަލްތަކުގައި ބައިވެރިވެ، ކޯ ހޯސްޓް ސެޝަންތަކުގައި ނުވަތަ ސަގާފީ ޝޯކޭސްތަކުގައި ބައިވެރިވުމާއި، އިވެންޓުތަކުގައި ސަގާފީ ކާނާ ސްޕޮންސަރކޮށްގެން އެފަރާތެއްގެ ގައުމީ ތަރިކަ ދައްކުވައި ދިނުމަށްވެސް މި ސަމިޓު ގައި ފުރުސަތު ހުޅުވާލެވިފައިވާކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ސަމިޓާ ގުޅިގެން ކުރާ ދަތުރުގެ އެންމެހައި ޚަރަދުތައް ވިޔަފާރިތަކުން އަމިއްލައަށް ހަމަޖެއްސެމަކީ އެ ފަރާތްތަކުގެ ޒިންމާއެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބައިވެރިންނަށް އެހެނިހެން އެހީތެރިކަން، ބަރލިން މިޝަން އިން ފޯރުކޮށްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.