މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިގޮތުގައި އެމަނިކުފާޏުގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ރަށްރަށަށް ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ނ. އަތޮޅު ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގައި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.