ޚަބަރު

ސުޕްރީމްކޯޓު ހިންގެވުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރަން ނިންމަވައިފި


  • މިގޮތަށް ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި

  • އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔަރކުރައްވަން ވަނީ ނިންމަވާފައި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީން ނިންމަވައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމަވާފައިވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ވިދާޅުވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމަވާފައިވާކަމަށެވެ. އަދި އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އުއްތަމަފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 9 އަހަރާއި 7 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވެއެވެ.