ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ވައިގެ މަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި ލީޑް، އުމުރުން 29 އަހަރުގެ މުޙައްމަދު ހުމާމް ޙަސަން ނަޢީމްއާއި މ. އަރޫދާގެ، އުމުރުން 53 އަހަރުގެ އަބްދުﷲ އިބްރާހިމެވެ. އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓް ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަން ހިންގީ މި ޖުލައި މަހުގެ 18ވަނަ ދުވަހު ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުމާމް ޙަސަން ނަޢީމަށް 10 ދުވަސް އަދި ޢަބްދުﷲ އިބްރާހީމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.