ޚަބަރު

ވަޒީރު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


  • މަރުޙޫމް ސަޢީދު ޢަބްދުﷲ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި

  • ސަޢީދު ޢަބްދުﷲ އަވަހާރަވީ ރޭގެ ވަގުތެއްގައި

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު ސަޢީދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރު މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު ވިނަރެސް، ހއ. ތުރާކުނު، ސަޢީދު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.

މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށާއި އެއީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައްޕާފުޅު އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.

ވިޔަފާރިއާބެހޭ ވަޒީރު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ނައިބު ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވަޒީރު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

އަދި މަރްޙޫމް ސަޢީދު ޢަބްދުﷲ ގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވާ ކަމަށާއި މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ،

ވަޒީރު ސަޢީދުގެ ބައްޕާފުޅު އަވަހާރަވަމުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން އަދި ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.