މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އދ. ކުނބުރުދޫ ދިލްބަހާރުގެ އުމުރުން 31 އަހަރުގެ އައިޝަތު ޝިޔާޒާއާއި ހއ. ދިއްދޫ ހަޒާރުމާގެ، އުމުރުން 26 އަހަރުގެ ސައިފުﷲ އަޙްމަދެވެ. މި ދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާކަމަށެވެ. އެގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހަށް ބަންދުކުރުމަށް ވަނީ ޢަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.