ޚަބަރު

"ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ، އަގުވަޒަން ކުރުމުގެ ނަމޫނާ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއް"


  • މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައި

  • ހުރިހާ ޢުމުރުފުރާތަކަށްވެސް ބައިވެރިވެވޭގޮތަށް ހަރަކާތްތައް އިންތިޒާމްކުރުމަށް ހާއްސަ އިސްކަމެއް

ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ރަސްމީ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ހައިބަތު ބޮޑުކޮށް ފާހަގަކުރުމަކީ، މިނިވަންކަމުގެ ޙަޤީޤީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއްކަމަށެވެ.

"މިނިވަންދުވަހު އަޅުގަނޑުމެން މިނިވަންކަމުގެ އުފާކުރާއިރު، އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ވާސިލުވި ކަންކަމާއި އަދި އެކަމުގެ މައްޗަށް އަޅުގަނޑުމެން މިޒަމާނާ މިހާރުގެ ކަންތައްތަކާ ގުޅުވައިގެން އަޅުގަނޑުމެންގެ ވިސްނުމުން ގެންނަ އުފެއްދުންތެރި ގޮތްތަކާއި، މިހުރިހާ ކަމަކާއެކީގަ އެންމެ ތުއްތުކުދީންނާއި ދެން އެއަށްވުރެ ދޮށީ ޒުވާން ޢުމުރުގެ މީހުންނާއި އިސްރަށްވެހިންގެ ގޮތުގައި ތިބޭ މީހުންނާއި އަދި އެނޫންވެސް ތަފާތު އެކި ޔުނިފޯމްތަކުގަ، ރަސްމީ އެކި ހައިސިއްޔަތުގަ ތިބޭ މީހުންނާއި، އެއްތަނެއްގަ ތިބެގެން މިކަންކަމުން އުފާ ލިބިގަތުމުން ދާދިއުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މިއީ އެއްބައެއްކަން އިހުސާސްކުރުން". ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ މިނިވަން 60ގެ ހަރަކާތްތައް ރާވާ ކުރިއަށްގެންދިޔުމުގައި ހުރިހާ ޢުމުރުފުރާތަކަށްވެސް ބައިވެރިވެވޭގޮތަށް ހަރަކާތްތައް އިންތިޒާމްކުރުމަށްކަމަށެވެ.

" މިނިވަންދުވަހުގެ މަޢުލޫމާތުތަކާއި މިނިވަންދުވަހުގެ ވިސްނުންތައް ފޯރުވައިދިނުމުގަ އަޅުގަނޑުމެންގެ ވުޒާރާއިން ކުރައްވާ މަސައްކަތުގަ އަޅުގަނޑުމެން ހުރިހާ ޢުމުރުފުރައަކަށް މި މަސައްކަތް ގެންދެވޭތޯ އެބަ ބަލަން. ހޭލުންތެރިކަން އިތުރުކުރުމަށްވެސް. އެންމެ ކުޑަކުދިން ލައްވާވެސް ޑްރާމާގެ ގޮތުގަ ކުޑަކުދިންނަށް ޑްރާމާ މެދުވެރިކޮށް މިނިވަންދުވަހާގުޅޭ މަޢުލޫމާތުތައް ގެނެސްދިނުމަށް، ދެން ކުދި ކުދި ވީޑިއޯ ކްލިޕްތަކުގެ ގޮތުގަ. ހަމަ އެގޮތަށް ޒުވާނުންނަށް، ޖެންޒީސްއަށް، ޒުވާނުންނަށް ޚާއްސަކޮށްގެން ބައެއް ޕްރޮގްރާމްތައް އެބަ ގެންދަން. އޭގެތެރެއިން ޕްރޮގްރާމެއް ބަހުސްއަކީ. ހަމައެގޮތަށް މެދު ޢުމުރުގެ މީހުންނަށް ޚާއްސަ މަސައްކަތްތަކެއް އަޅުގަނޑުމެން އެބަކުރަމު". ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ މިނިވަން ބަޔަކަށް ދިވެހިން ވީ ދިވެހީންގެ ވިސްނުމާއި, އުންމީދާއި ހިތްވަރުގެ ސަބަބުންކަމަށެވެ. އެހެންކަމުން ދިވެހީންގެ އަމިއްލަވަންތަ ގޮތްތަކާއި، ސިފަތައް އެއްޖީލުން އަނެއްޖީލުން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން ރާއްޖޭގެ 60ވަނަ މިނިވަންދުަވަހާ ގުޅުވައިގެން ދުވަހާ ގުޅޭ މަޢުލޫމާތުތައް އާންމުކުރުމާއ،ި ކުޑަކުދީންނާއި، ޒުވާނުންނާއި ހަރު މީހުންނާއި އަދި ޢުމުރުން ދުވަސްވީ ބޭފުޅުންނާވެސް ގުޅޭ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.