ކުޅިވަރު

ދެ ޓީމުންވެސް ހުށަހެޅީ 70 މިލިޔަން، ބަލައިގަތީ ލިވަޕޫލްގެ ހުށަހެޅުން


ފްރާންސްގެ 21 އަހަރުން ދަށުގެ ފޯވާޑް ހޫގޭ އެކިޓިކޭ ގަތުމަށް ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލްއިން ހުށަހެޅުމުން، ނިއުކާސަލްގެ ހުށަހެޅުން ބަލައިނުގަންނަން ފްރަންކްފަޓުން ނިންމައިފިއެވެ.

މިކަން މި ގޮތަށް ކުރީ މައިގަނޑު ދެ ސަބަބަކާ ހުރެ އެވެ. ފުރަތަމަ ސަބަބަކީ މަދުވެގެން 80 ނުވަތަ 90 މިލިއަން ޕައުންޑަށް ކުޅުންތެރިޔާ ވިއްކާލަން އޭނާގެ ކުލަބުން ބޭނުންވުމެވެ. ދެ ވަނަ ސަބަބަކީ އިނގިރޭސި މި ދެ ކުލަބުގެ ތެރެއިން އެކިޓިކޭ ދާން ބޭނުންވަނީ ލިވަޕޫލަށް ކަމަށްވާތީ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް އަދި ކުޅެފައިނުވާ 23 އަހަރުގެ އެކިޓިކޭ ގަތުމަށް ލިވަޕޫލުން މިހާރު ވަނީ 70 މިލިއަން ޕައުންޑާއެކު އިތުރު ބޯނަސްތަކެއް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މި ކަމާމެދު ފްރޭންކްފަޓުން އަދި ގޮތެއް ނުނިންމަ އެވެ.

ހުސްވި ސީޒަނުގައި 22 ގޯލު ޖެހި ކުޅުންތެރިޔާ ގަތުމަށް ލިވަޕޫލުން އަވަސްވެ ގަތީ އެ ކުލަބުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށެވެ. މިގޮތުން އެންމެ ފުރަތަމަ ގަންނަން ބޭނުންވީ ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކެވެ. ނަމަވެސް އެކިޓިކޭ އަށް މިސްރާބު ބަދަލުކޮށްލީ 100 މިލިއަން ޕައުންޑް ދިނަސް އިސާކް ނުވިއްކާނެ ކަމަށް ނިއުކާސަލްއިން ބުނުމުންނެވެ.

އަންނަ މަހު އިނގިރޭސި އައު ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުގެ ދެ ފޯވަޑަކު މަދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ނަޕޯލީ އާއި ސައޫދީ އަރަބިއާގެ ކުލަބުތަކުން ބޭނުންވެގެން އުޅޭ އުގުރުއޭގެ ފޯވަޑް ޑްރަވިން ނޫނޭޒް އާއި ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގަލްގެ ފޯވަޑް ޑިއޯގޯ ޖޮޓާ އެވެ.

އިނގިރޭސި ލީގު ދިފާއު ކުރުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތުގައި އެ ކުލަބުން މިހާތަނަށް 200 މިލިއަނާ ގާތްކުރާ އަދަދަކަށް މި ސީޒަނުގައި ހަރަދުކޮށްފަ އެވެ.