ޚަބަރު

އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލާގައި ބަލަންޖެހޭ ހުރިހާ ކަމެއް ދަނީ ބަލަމުން: ފުލުހުން


  • މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކުރަމުންދާ ކަމަށް ވިދާޅުވޭ

  • ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހު

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލާގައި ތަހުޤީގީ ނަޒަރަކުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރައްވަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އަބްދުއްރަހްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށެވެ.

ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންްތަޕުރަމަށް މިމަހުގެ 21 ވަނަ ދުވަހު ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދީފައިވެއެވެ.

އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށެވެ. އަދި މިހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ އެރޭ 12:00 އާއި 1:00 ދެމެދު ވަގުތެއްގައިކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.