ޚަބަރު

އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށޭނެ: ވަޒީރު އިބްރާހީމް ވަޙީދު


  • މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުސޫލުތައް މިހާރު ވަނީ ނިމިފައި

  • މާލީ އެހީތެރިކަމަށް ބޭނުންވާ ޕޯޓަލް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން

އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެން ފެށޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ފަންނުވެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ ރާއްޖޭގެ ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ މުހިންމު ސިޔާސަތެއްކަމަށެވެ. އެގޮތުން ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުސޫލުތައް މިހާރު އެކުލަވާލާފައިވާކަމަށެވެ. އަދި މި އުސޫލުތައް ހެދުމުގައި ފަންނުވެރިންގެ ލަފަޔާއި އެ ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އެކަމުގެ ޤަވާއިދުތައް އެކުލަވާލަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އުއްމީދަކީ އަންނަ މަހު ފަންނުވެރިނަށް ދޭން ނިންމާފައިވާ މާލީ އެހީތެރިކަން ދޭން ފެށޭނެކަމަށެވެ. މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިން އެކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އެހީ ދޭން މިނިސްޓްރީން ނިންމާފައި ވަނީ ޕޯޓަލެއް މެދުވެރިކޮށް. ޕޯޓަލް ހެދުމަށް ވަގުތުކޮޅެއް ނަގާނެ. އޭގަ ހުންނަ ބަގްސް އަޅުގަނޑުމެން ފިލުވަން ޖެހޭނެ. ޓެސްޓު ކުރަން ޖެހޭނެ. އެހެންނޫނީ އޮން ޓައިމްގައި އެހީ ފޯރުކޮށްދެވޭނެ. އަޅުގަނޑު ޔަޤީންކަން މިދެނީ އާޓިސްޓުންނަށް މި ދަންނަވާ އެހީތެރިކަން ފޯރުކޮށްދޭނަން." ވަޒީރު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ ފަންނުވެރިންނަށް ޚާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ. ބީސީސީއާއި ހަވާލުކޮށްގެން މި މަސައްކަތް ކުރަމުންދާއިރު މި އަހަރު މިތަން ހުޅުވާ ފަންނުވެރިންނަށް މިތަން ބޭނުން ކުރުމުގެ ފުރުޞަތުދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.