ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެދަށުން މިއަހަރުގެ މިހާތަނަށް 85 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ، މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އަށަގެންނެވުމަށާއި، އަދި މާލީ ދަތިކަން ކުރިމަތިނުވެ ތަޢުލީމު ޙާސިލުކުރުމަށް ފަހިކޮށްދީފައިވާ ޕްރޮގްރާމެކެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް، 1100 ދަރިވަރަކު ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި މުޅިން އަލަށް ރަޖިސްޓްރީވެ، ސަރުކާރުން ދަނީ އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދިޔަ 2068 ދަރިވަރަކު މިއަހަރު ދަސްވެނިވެފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މިވަގުތު 8086 ކުދިން އަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އޭގެތެރޭގައި ހިމެނެނީ 5047 އަންހެން ކުދިންނާއި، 3039 ފިރިހެންކުދިންނެވެ.
މިއަހަރުގެ މިހާތަނަށް ހިލޭ ޑިގްރީ ޕްރޮގްރާމަށް ސަރުކާރުން ވަނީ 85،478،150.89 ( އަށްޑިހަ ފަސް މިލިޔަން ހަތަރުސަތޭކަ ހަތްދިހަ އަށް މިލިޔަން ސަތޭކަ ފަންސާސް ރުފިޔާ އަށްޑިހަ ނުވަ) ލާރި ޚަރަދުކޮށްފައެވެ. މި ސަރުކާރު ހަވާލުވެ މިހާތަނަށް، 235 މިލިއަން ރުފިޔާ ހިލޭ ޑިގްރީ ޕްރޮގްރާމަށް މިވަނީ ހޭދަކޮށްފައެވެ. މި ވޭތުވެދިޔަ 19 މަސް ދުވަހުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމްގައި 3888 ދަރިވަރުން މުޅިން އަލަށް ރަޖިސްޓްރީވެފައިވެއެވެ.
އަދި މިޕްރޮގްރާމްގައި ކިވަމުންދިޔަ ދަރިވަރުންގެތެރެއިން 5412 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ.
މި ޕްރޮގްރާމްގެ މަޤުޞަދުތަކުގެތެރޭގައި ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.