ޚަބަރު

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި!


  • ދެން އަނިޔާލިބުނު 16 އަހަރުގެ ކުއްޖާއަށް ފަރުވާދެނީ ވޯޑުގައި

  • މިއެކްސިޑެންޓުގައި ސައިކަލް ދުއްވަންއިން އަލްސަން ވަނީ ނިޔާވެފައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމަށާއި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެނި ވޯޑުގައިކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

މާފަންނު ބަސް ޓާމިނަލް ކުރިމަތިން ކަފިހި ހުރަސްކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެވަގުތު އެތަނުންދިޔަ ސައިކަލެއްގައި ޖެހި ހިނގި މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ ނިޔާވެފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އަނިޔާވެގެން އެހޮސްޕިޓަލަށް ގެންދިޔަ 2 މީހުންގެ ތެރެއިން 40 އަހަރުގެ ފިރިހެން މީހާހެ ހާލު ސީރިއަސްކަމަށާއި އައިސީޔޫގައި އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައިކަމަށެވެ. އަދި މިއެކެސިޑެންޓުގައި އަނިޔާވެގެން ގެންދިޔަ 16 އަހަރުގެ ކުއްޖާއަށް މިވަގުތު ފަރުވާދެނީ ވޯޑުގައިކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

40 އަހަރުގެ އެ ފިރިހެން މީހާއަކީ މަގު ހުރަސްކުރަސްކުރަނިކޮށް ސައިކަލުން ޖެހުނު ފަރާތެވެ. އަދި 16 އަހަރުގެ ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެއެވެ.

އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުކުރަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅަށްވެސް ގެއްލުންތަކެއްވަނީ ވެފައެވެ.

މިއެކްސިޑެންޓުގައި ނިޔާވި އަލްސަންއަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންކަމުގައިވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.