އެމެރިކާގައި މިރޭ ނިމޭ ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ސަޕޯޓަރުން ތިން ގަޑިއިރު ކުރިން ސްޓޭޑިއަމަށް ވަނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން އަންގައިފިއެވެ.
އެ ޖަމާއަތުން މި ގޮތަށް އެންގީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ފައިނަލް މެޗު ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގަންނަވާތީ އެވެ.
އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމުގަ އެވެ. މި ތަނަށް އެއް ފަހަރާ ކުޅިބަލަން 82000 މީހުންނަށް ވަދެވޭނެ އެވެ. މެޗު ފަށަން ހަމަޖައްސާފައިވަނީ އެމެރިކާ ގަޑިން ހަވީރު ތިނެއް ޖަހާއިރު އެވެ.
ފީފާ އާއި އެމެރިކާގެ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ބުނެފައިވަނީ މި މެޗުގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަވާނެ ކަމަށާއި ދަނޑަށް ވަންނަ އެންމެން ވެސް ކުރިއަށް ވުރެ ބޮޑަށް ބަލައި ފާސް ކުރާނެ ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މުބާރާތަށް ފީފާ އަށް އެމެރިކާ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރުމުގައި މިއަށްވުރެ ފުރިހަމަ އަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.