ޔުކްރެއިން މައްސަލަ ހައްލުކުރަން ރަޝިޔާއަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އުތުރު ކޮރެއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެއްގައި ކިމް ވަނީ ރަޝިޔާއިން ޔޫކްރެއިނާ ކުރާ ހަނގުރާމައަށް އުތުރު ކޮރެޔާއިން އިތުރު ސިފައިންނާއި ހަތިޔާރު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އުތުރު ކޮރެޔާގެ ދަޢުލަތުގެ މީޑިޔާ ކޭސީއެންއޭ އިން ރިޕޯޓްކުރި ގޮތުގައި، ލަވްރޯވް އާ ބައްދަލުކުރައްވައި، ވިދާޅުވީ ދުނިޔޭގެ މަސްރަޙު އިތުރަށް ހޫނުވަމުން އަންނަ އިރު، ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.
ހޮނިހިރު ދުވަހު ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ލަވްރޯވް ވަނީ ދެ ޤައުމުގެ ގުޅުމަކީ ގުޑުވައިނުލެވޭނެ އަޚުވަންތަ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިޔާއަށް ފޮނުވާފައިވާ އުތުރު ކޮރެޔާގެ ސިފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޔޫކްރެއިނު ހަނގުރާމައިގައި 10،000 އެއްހާ އުތުރު ކޮރެޔާގެ ސިފައިން ބައިވެރިވަމުންދާ ކަމަށް، ޖާސޫސީ އިދާރާތަކުން ބުނެއެވެ.
ހުކުރު ދުވަހު ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާގެ ޖާސޫސީ ގޮފިން، ޤާނޫނު ހަދާ މަޖިލީހަށް ރިޕޯޓްކޮށްފައިވާ ގޮތުގައި، އުތުރު ކޮރެޔާއިން ރަޝިޔާއަށް އާޓިލަރީ ވަޒަން ސަޕްލައި ކުރަމުންދާ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 12 މިލިއަން ވަޒަން ފޮނުވާފައިވާ ކަމަށް ޔޮންހަޕް ނިއުސް އިން ބުނެއެވެ.