ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުޢިއްޔާ/ޖަމާޢަތްތަކުން މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެކަން އަގުވަޒަން ކުރުމުގެގޮތުން ދޭ "ސިވިލް ސޮސައިޓީ އެވޯޑް"އަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
"ސިވިލް ސޮސައިޓީ އެވޯޑް" ނުވަތަ ޖަމިއްޔާތަކުގެ އެވޯޑަށް ކުރިމަރިލުމުގެ ފުރުޞަތު ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދިނެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ ޖަމިއްޔާތަކުގެ އެވޯޑަށް ކުރިމަރިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00އާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާކަމަށް އިޢުލާނުގައިވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން، އެ ޖަމިއްޔާއެއް ނިސްބަތްވާ މުޖުތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކާ ޖަމިއްޔާތަކަށް ދެވޭ އެވޯޑެއްކަމަށެވެ.
މި އެވޯޑު 9 ދާއިރާއަކުން ދިނުމަށް ވަނީ ނިންމަވާފައެވެ.
• އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ޙިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
• ޚާއްސައެހީގެ ދާއިރާ
• ތަޢުލީމީ ދާއިރާ
• މަސައްކަތްތެރިކަން ކުރިއަރުވާ އާލާ ކުރުން
• ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކާއި ތާރީޚީ ތަރިކަ، ދިވެހި ބަސް ދިރުވުން
• ފަންނުވެރިކަން (އާޓްސް) އަދި (އައި.ސީ.ޓީ) ދާއިރާ ދިރުވައި އާލާކުރުން
• ތިމާވެށީގެ ދާއިރާ
• ސިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަސައްކަތް ކުރުން
• މަސްތުވާ ތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
މި އެވޯޑަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށާއި ފައިތުވި 2 އަހަރު އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅާފައިވާ ޖަމިއްޔާތަކަށެވެ. އަދި ހިންގާ ކޮމިޓީގެ މުއްދަތު ހަމަނުވާ ޖަމިއްޔާތަކަށްވެސް މި އިނާމަށް ކުރިމަތިލެވޭނެއެވެ.
އެވޯޑަށް އެދި ހުށައަޅައި އެޕްލިކޭޝަން ފޯމް، ސޯޝަލް ސެންޓަރުގައި ހުންނަ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ކައުންޓަރަށް ނުވަތަ ވުޒާރާގެ މެއިލް [email protected] އަށްވެސް ހުށަހެޅޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެޕްލިކޭޝަން ފޯމު ވުޒާރާގެ ވެބްސައިޓުން ލިބޭނެއެވެ.