ކުޅިވަރު

ރެއާލްއިން އެދުނު ގޮތަށް ސީޒަން ފަސްކޮށްދެވޭކަށް ނެތް: ލަލީގާގެ ރައީސް


ސްޕެއިންގެ އައު ފުޓްބޯޅަ ސީޒަނުގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗު ފަސްކޮށްދޭން އެ ކުލަބުން ސްޕެނިޝް ލީގުގައި އެދުނު ނަމަވެސް، އެކަން ކޮށްދެވެން ނެތް ކަމަށް އަންގައިފިއެވެ.

ރެއާލްއިން މި ގޮތަށް އެދުނީ މިހާރު އެމެރިކާގައި ކުރިއަށް ދާ ކުލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑް ކުޅުމުގެ ސަބަބުންނެވެ. މުބާރާތުގެ ސެމީ ފައިނަލާ ހިސާބުން އެ މުބާރާތް ނިންމާލި ރެއާލް އިން ބޭނުންވަނީ 21 ދުވަހު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދީފައި އިތުރު 21 ދުވަހު ފަރިތަކުރުމަށް ފަހު ސީޒަން ފަށާނެވެ.

ނަމަވެސް ލަލީލާގެ ރައީސް ހާވިއާ ޓެބާސް ވިދާޅުވީ ރެއާލް މެޑްރިޑަށްވުރެ ފަހުން ކުލަބު ވޯލްޑްކަޕު ނިންމާ ކުލަބުތަކުގެ ލީގު ވެސް ފަސް ނުކުރާ ކަމަށެވެ.

"(ފައިނަލަށް ގޮސްފައިވާ ދެ ޓީމު) ޗެލްސީ އާއި ޕީއެސްޖީގެ މެޗުތައް ވެސް ފަހެއް ނުކުރޭ. ދެން އަނެއްކާ މި ކަމަކީ (ކުލަބު ވޯލްޑް ކަޕުގައި ކުޅުމަކީ) ސްޕެނިޝް ލީގާ ބެހޭ ކަމެއް ނޫން. ރެއާލްއިން ރާވައިވާ ޕްލޭނަށް ބަލާއިރު އެ މީހުންނަށް ލީގު ފަށާ ދުވަސް މިހާރު އޮތް ގޮތުން މަދުވަނީ އެންމެ ދުވަހެއް. އަހަރެންނަކަށް ހިޔެއް ނުވޭ އެންމެ ދުވަހެއް މަދުވެގެން އެ މީހުން އޮސަސޫނާ އަތުން ބަލިވެދާނެހެން،" ޓެބާސް ބުންޏެވެ.

ޓެބާސް އަލީ ކުލަބު ވޯލްޑް ކަޕުގެ ފޯމެޓާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އޭނާގެ އިތުރުން ވަރަށް ގިނަ ކޯޗުންނާއި ކުޅުންތެރިން ވެސް 32 ޓީމު ބައިވެރިކޮށްގެން އެއް މަސް ދުވަހަށް އޮފް ސީޒަނުގައި މި މުބާރާތް ކުޅުމާ ދެކޮޅެވެ.

ސްޕޭނުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް ކުޅެން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށެވެ. ނަމަވެސް ރެއާލްއިން މެޑްރިޑުން ވިސްނަނީ އެ ތާރީހުގައި މެޗުތައް ފަށައިފިނަމަ އެ ކުލަބުގެ ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވާނެ ކަމަށެވެ.

ރެއާލްއިން ނިންމާފައިވަނީ ކުލަބު ވޯލްޑް ކަޕް ނިމުމަށް ފަހު ކުޅުންތެރިންނަށް އަރާމު ކުރަން ތިން ހަފުތާ ދިނުމަށެވެ. އަދި އާ ސީޒަނުގެ ފުރަތަމަ މެޗުގެ ކުރިން ތިން ހަފުތާގެ ޕްރީ ސީޒަނަށް ފުރިހަމަ ކުރުމަށެވެ.

ޓެބާސް ވަނީ 32 ޓީމު ބައިވެރިކޮށްގެން އޮފް ސީޒަނުގައި ކުޅެމުންދާ ކުލަބު ވޯލްޑް ކަޕަށް މީގެ ކުރިން ވެސް

ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނެފައިވަނީ މި ފަދަ ގޮތަކަށް އިތުރު ކުލަބު ވޯލްޑްކަޕެއް ބޭއްވުނަ ނުދޭން މަސައްކަތް ކުރާނެ ކަމަށާއި މި މުބާރާތުގެ ސަބަބުން ކޮންމެ ގައުމެއްގެ ލީގަށް ވެސް ބުރޫ އަރަމުންދާ ކަމަށެވެ. އަދި ތާރީހުތައް ވަކި ގޮތަކަށް މާ ކުރިން ހަމަޖައްސާފައި އޮންނައިރު އެކަންކަން ބަދަލު ކުރުމަކީ ފޫ ނުބެދޭ ގެއްލުންތަކެއް ވަމުންދާ ކަމެއް ކަމަށެވެ.