ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ތިންވަނަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ފައިނަލްގެ ފަހު ޖާގަ ކުލަބު އެޗްޑީސީން ކަށަވަރުކޮށްފިއެވެ.
ފައިނަލްގައި އެޗްޑީސީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ސެމީ ފަައިނަލްގެ ތިންވަނަ މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-23 ން ދަނޑިމަގުންނެވެ. ފަހަތުން އަރާ ދެވަނަ ސެޓް ގެންދިޔައީ 25-16 އިން އެޗްޑީސީއެވެ. ތިންވަނަ ސެޓް އެޗްޑީސީން ގެންދިޔައީ 25-20 ންނެވެ. އަދި ހަތަރުވަނަ ސެޓް އެޗްޑީސީން ކާމިޔާބުކުރީ 25-23 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ކެޕްޓަން އިސްމާއިލް ސާޖިދެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.
ތިންވަނަ ސެމީ ފައިނަލްގައި އެޗްޑީސީ އަތުން ބަލިވި ދަނޑިމަގަށް ވަނީ ގައުމީ މުބާރާތުގެ ތިންވަނަ ލިބިފައެވެ.