ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފަޚްރުވެރި އެއްވަނަ ފިނާއަށް


  • އެއްވަނައަށް ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމް

  • 2ވަނައަށް 20،000 އަދި 3 ވަނައަށް 15،000ރުފިޔާގެ ފައިސާގެ އިނާމް

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025"ގެ ފަޚްރުވެރި އެއްވަނަ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ. މިއީ މި މުބާރާތުގެ 6 ވަނަ ސީޒަންއެވެ.

ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ފަޚުރުވެރި އެއްވަނަ ހާސިލްކުރި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއެވެ.

މުބާރާތުގެ އެކި ވަނަތައް ހާސިލްކުރި ބައިވެރިން

5 ވަނަ އައިމިނަތު އީނާސް
4 ވަނަ ޢަލީ ހަސީން
3 ވަނަ ޢަލީ ޖައިޝަން
2 ވަނަ ލަސަން މުޙައްމަދު
1 ވަނަ އައިޝަތު ފިނާ ފިރާޤު

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް ވިދާޅުވީ މިފަދަ މުބާރާތްތައް ބާއްވާ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ދަޢުލަތުގެ މީޑިއާގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުންދާކަމަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރި ޒުވާނުންތަކެއް ތިބިނަމަވެސް އެކުދިންނަށް ރަނގަޅު ޕްލެޓްފޯމްތަކެއް ނެތް ނަމަވެސް ޕީއެސްއެމްއިން އިސްނަގައިގެން އެފަދަ ކުދިންނަށް ޚާއްސަކޮށްގެން މުބާރާތްތަކެއް ބާއްވަފައިނަމަ ފަހި ފުރުޞަތުތަކެއް ލިބޭނެކަން ނަރީޝް ފާހަގަކުރެއްވިއެވެ.

"މިއީ ޒުވާނުންގެ ހުރި ހުނަރުތައް އާންމު ރައްޔިތުންނަށް ތިލާކޮށްދޭ އެއް މަންސަ. މަދުމަދުން އެކި މުބާރާތްތަކެއް ކުރިއަށްގެންދޭ. އެހެން ދާރާތަކުންވެސް ފުރުޞަތުތައް ހޯދައިދީފިނަމަ، ޚާއްސަކޮށް ޕީއެސްއެމްއިން އިސްނަގައިގެން ކޮށްފިނަމަ ޒުވާނުންނަށް ވަަރަށްގިނަ ފުރުޞަތުތަކެއް ފަހިކޮށްދެވިދާނެ."އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް ވިދާލުވިއެވެ.

މިއަހަރުގެ މި މުބާރާތަށްވެސް ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

މީގެއިތުރުން މުބާރާތުގެ 2 ވަނަ ހާސިލްކުރި ލަޝަންއަށް 20،000 އަދި 3 ވަނަ ހާސިލް ކުރި އަލީ ޖައިޝަންއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އިތުރު އިނާމްތައްވެސް ދީފައިވެއެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.