ޚަބަރު

ނުވަ ދުވަސްތެރޭ ބައިލައްކަ ފަތުރުވެރިން، މިއީ %16.6 އިތުރު އަދަދެއް


  • ނުވަ ދުވަސްތެރޭ 51،952 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރީ 44،557 ފަތުރުވެރިން

މިމަހުގެ ފުރަތަމަ ނުވަ ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ ފުރަތަމަ ނުވަ ދުވަސްތެރޭ ރާއްޖެއަށް ވަނީ 51،952 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 44،557 ފަތުރުވެރިންނާ އަޅާ ބަލާއިރު %16.6 އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.0 ފަތުރުވެރިންނާ އަޅާ ބަލާއިރު %9.4 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،772 ފަތުރުވެރިން އާދެއެވެ. މި ފާއިތުވީ ދެ މަހު މި އަދަދު ހުރީ 4،000ގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 3 ޤައުމު:

ޗައިނާ – 154،582 ފަތުރުވެރިން
ރަޝިއާ – 134،356 ފަތުރުވެރިން
އިނގިރޭސިވިލާތް – 112،245 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.6އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.4 އެވެ. %2.8 އާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.