ކުޅިވަރު

މާޝަލް އާޓްސްގެ ތެރެއިން ހަލަނި ކުދިންނަށް ޓައެކްވޮންޑޯ، މަޑުމައިތިރި ކުދިންނަށް ޕޫމްސީ


މާޝަލް އާޓްސްގެ ތެރެއިން ކުދިންނަށް ވަރަށް ގިނަ ކަންތައް ދަސްވާނެ ކަމަށާއި، ޚާއްސަ ގޮތެއްގައި ހަލަނި ކުދިންނަށް މިއީ ވަރަށް ފައިދާހުރި ކުޅިވަރެއް ކަމަށް މޯލްޑިވްސް ޓައެކްވޮންޑޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޒުހައިރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓައެކްވޮންޑޯގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި ހަރާކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެއެސޯސިއޭޝަންގެ އެސްޖީ ޒުހައިރު ވިދާޅުވީ ހަލަނިކޮށް އުޅޭ ކުދިން ކުޑައިރުންސުރެ މިކުޅިވަރުގެ ތެރެއަށް ވެއްދިއްޖެނަމަ މުސްތަގުބަލުގައި އެކުދިންވެގެންދަނީ ވަރަށް މޮޅެތި ކުދިންނަށްކަމަށެވެ. ސަބަބަކީ މާޝަލް އާޓްސްއަކީ ހަލުވި ކުޅިވަރަކަށްވުމުން އެކަމުގެ ފައިދާ އެކުދިންނަށް ކުރާވަރު ބޮޑުވުމެވެ.

ޓައެކްވޮންޑޯއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޝާރކްސް އެކެޑަމީގައި މާލެއާއި އައްޑޫ ހިމެނޭހެން މިހާރުވެސް ހަތަރު ސަތޭކައެއްހާ ކުދިން ބައިވެރިވެ، ފަރިތަކުރަމުން އަންނަކަމަށް އޭނާ ހާމަކުރެއްވިއެވެ. ގިނަ މުބާރާތްތަކެއްވެސް މި އެކެޑަމީއިން އިސްނަގައިގެން ބާއްވަމުން އަންނަ އިރު މިކަމުގައި ބެލެނިވެރިންނާއި ކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޒުހައިރު ވަނީ މައުލޫމާތުދެއްވާފައެވެ.

ކުޅިވަރެއްގެ ގޮތުގައި މާޝަލް އާޓްސް އިޚްތިޔާރުކުރަންވީ ކީއްވެކަން ބުނެދެއްވަމުން ޒުހައިރު ވިދާޅުވީ މާޝަލް އާޓްސްގެ ތެރެއިން ވަރަށް ގިނަ އެއްޗެހި ކުދިންނަށް ދަސްވާނެކަމަށާ، ހަލަނިކޮށް އުޅޭ ކުދިންނަށް މިއީ ވަރަށް ރަނގަޅު ކުޅިވަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މާޝަލް އާޓްސްގެ ތެރެއިން ވަރަށް ގިނަ އެއްޗިހި ކުދިންނަށް ދަސްވާނެ، ދެން އަޅުގަނޑުމެން ތެރެއިން ޚާއްސަކޮށް އެކްޓިވްކޮށް އުޅޭ ކުދިންނަށް ވަރަށް ރަނގަޅު އެއްޗެއް މާޝަލް އާޓަކީ. ދެން މިތަނަށް ގެންނަ ވަރަށް ގިނަ ޕޭރެންޓްސްވެސް ގެންނަނީ އެކުދިން އެކްޓިވްކަމުން. ދެން ފައިނަލީ އެކުދިން ބޮޑުވެގެން އަންނައިރު އެކްޓިވްކުދިން ހަމަ ގިނަ ފަހަރަށް މޮޅު ފައިޓިންއަށް. އެއީ އެކުދިންގެ ސްޕިޑާ އެހުރިހާ އެއްޗަކުން ސްކޯރިންއަށް ފަސޭހަވާތީ" ޒުހައިރު ވިދާޅުވިއެވެ.

އެހެންނަމަވެސް މިއީ ހަމައެކަނި ހަލަނި ކުދިންނަށް އޮތް ކުޅިވަރެއް ނޫންކަމަށްވެސް ޒުހޭރު ވަނި ފާހަގަކުރައްވާފައެވެ. މިގޮތުން މާޝަލް އާޓްސްގެ ތެރޭގައި ހިމެނޭ ކުޅިވަރެއްކަމަށްވާ "ޕޫމްސީ'އަކީ މަޑުމައިތިރި ކުދިންނަށް ޚާއްސަ ކުޅިވަރެއްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިކުނޑިއާއި ހަށިގަނޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރެއްކަމަށާ މިކުޅިވަރުންވެސް ކުދިންނަށް ބެލެންސާއި، ކޯޑިނޭޝަންގެ އިތުރުން ކޮންސްޓްރޭޓްކުރުމަށް ދަސްވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މަޑުމައިތި ކުދިންނަށްވެސް އޮވޭ މިތާނގަ ފުރުސަތު. އެއީ މަޑުމައިތިރިކުދިންނަށް ޚާއްސަކޮށްގެން އިންނާނެ "ޕޫމްސީ". އެއީ ފޯމްސްތައް މެމޮރައިޒްކޮށްގެން އެކުދިންގެ މެމޮރީ ބޭނުންކޮށްގެން ކުޅޭ ގޭމެއް އެއީ. ޓައިކްވޮންޑޯގައި އޮންނާނެ ދެ ވައްތަރެއްގެ ކޮމްޕެޓިޝަނެއް. އެއީ ފޯމްސް ދެން ފައިޓިން" ޒުހައިރު ވިދާޅުވެފަވެއެވެ.

މާޝަލް އާޓްސްއާ ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން ޒުހައިރު ވިދާޅުވީ ފޯމްސްއަކީ އާންމުގޮތެއްގައި މަޑުމައިތިރިކުދިން ދާ ކުޅިވަރެއްކަމަށާ، ފައިޓިންއަކީ ހަލަނި ކުދިންނަށް ޚާއްސަ ކުޅިވަރެއްކަމަށެވެ. އަދި މިކުޅިވަރުގައި ކުދިން ހޯދަމުންދާ ކުރިއެރުމާ އެއްގޮތަށް އެކުދިންގެ ޔުނީފޯމުގައިވާ ބެލްޓުގެ ކުލައަށް ބަދަލު އަންނަމުންދާނެކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ހުދުން ފެށިގެން ގޮސް ކަޅާ ހަމައަށް ބެލްޓުގެ ކުލަ ބަދަލުވާނެކަމަށެވެ. އަދި ބެލްޓުތަކުން ދޭހަކޮށްދެނީ އެކުދިންގެ ލެވެލްކަމަށާ، އެކުދިން ހޯދާ ކުރިއެރުމާ އެއްވަރަށް ބެލްޓުގެ ކުލަ ގަދަވަމުންދާނެކަމަށް ޒުހައިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޓައެކްވޮންޑޯގެ ފަރާތުން މިހާރު އަންނަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި "މޯލްޑިވްސް ޓައެކްވޮންޑޯ ކިޔުރުގީ ޗެމްޕިއަންޝިޕް" ބޭއްވުމަށް ތައްޔާރުވަމުންނެވެ.