މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލްކުރުމަށް އެމްއެންޔޫއިން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން މިއަންނަ އޯގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިއަންނަ އޯގަސްޓުމަހުގެ 5 ވަނަ ދުވަހާއި ހަމައަށެވެ.
ކުރިއަށް އޮތް އޯގަސްޓު އިންޓޭކްގައި 6 މަސް ދުވަހުގެ 2 ކޯހެއް ހިންގުމަށް ވަނީ ނިންމާފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލްއެވެ.
މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެމް.އެން.ޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އޯގަސްޓްމަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފަ! pic.twitter.com/qnjetDlHTA
— Ministry of Fisheries and Ocean Resources (@MFORmv) July 10, 2025
މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން ކޯސް ކުރިއަށްދާނީ އެމްއެންޔޫ ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގެ ކެމްޕަހުގައެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކޯސް ކުރިއަށްދާނީ އެމްއެންޔޫ މާލެ ކެމްޕަހުގައެވެ.
މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިކަމެއްކަމުގައި ވީނަމަވެސް އެމަސައްކަތް މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައެއްނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވަނީ މިމަސައްކަތް ފައްޓަވާފައެވެ.
އެގޮތުން އެމްއެންޔޫގެ ހިޔާވަހިކަމުގެ ދަށުން ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައި ކޮލެޖެއް އުފައްދަވާ، އެންމެ ފުރަތަމަ ފަހަރަށް ކިޔަވައިދެން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގައެވެ.
މި ކޮލެޖަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އުފައްދާފައިވާ ކޮލެޖެކެވެ. މި ކޮލެޖުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ.
މި ކޮލެޖުގެ ކޯސްތަކުގައި ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި، ކަނޑުގެ ދިރުންތަކާއި، ތިމާވެށީގެ ދިރާސާތަކާ ބެހޭ މަޢުލޫމާތުދެވެއެވެ. އަދި މަސްވެރިކަމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަން އުންގަންނައިދިނުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއްދެއެވެ.