ޚަބަރު

ލައިބީރިޔާގެ ރައީސް އިނގިރޭސި ބަހުން ވާހަކަދައްކަވައި އަޑު އިވުމުން ޓްރަމްޕަށް ހައިރާންކަން


އެފްރިކާގެ ޤައުމެެއް ކަމަށްވާ ލައިބީރިޔާގެ ރައީސް ޖޮސެފް ބޮކައި އިނގިރޭސި ބަހުން ފަރިތަކަމާއި ފަށުވިކަމާއެކު ވާހަކަދައްކަވައި އަޑު އިވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްަޕަށް ލިބިވަޑައިގަތީ ބޮޑު ސިހުމެކެވެ. ހުޅަނގު އެފްރިކާގެ އިސްވެރިންނާއެކު ޖުލައި މަހުގެ 9ވަނަ ދުވަހު އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، އެހާ ފުރިހަމަކަމާއެކު އިނގިރޭސި ބަސްތައް އަތުރާލައްވައި އަމުނާލައްވައި ބޮކޮއިގެ ޚިޔާލުތައް ފާޅު ކުރެއްވުމުން، ޓްރަމްޕްއަށް އެއްސެވުނީ ބޮކޮއި ތަޢުލީމު ޙާޞިލް ކުރެއްވީ ކޮން މަދަރުސާއަކުން ތޯއެވެ.

އެ ސުވާލުކުރެއްވި އިރު އެމެރިކާއާއި ލައިބީރިޔާއާ ގުޅިފައިވާ މިންވަރު ފަހަރުގައި ޓްރަމްޕަށް އެނގިވަޑައިގެންފައި ނުަވަނީ ކަމަށް ވުން އެކަށީގެންވެއެވެ. އިނގިރޭސި ބަހަކީ ލައިބީރިޔާގައި ވާހަކަ ދައްކާ ރަސްމީ ބަހެވެ. އެމެރިކާއާ ތާރީޚީ ގޮތުން ގުޅިފައި އޮތް މިންވަރުގެ ސަބަބުން ލައިބީރިޔާގެ ގިނަ ޢަދަދެއްގެ މީހުން އިނގިރޭސި ބަހުން ވާހަކަ ދައްކަނީ ހަމަ އެމެރިކާގެ ރައްޔިތުން ވާހަކަ ދައްކައި އުޅޭ ވައްޓަފާޅިއަށް، ހަމަ އެ ރާގަށެވެ. ޓްރަމްޕަށް ފާހަގަވެވަޑައިގަތީ މި ރާގު ކަމަށް ވުން އެކަށީގެންވެއެވެ.

ޓްރަމްޕް ކުރެއްވި ސުވާލާ ގުޅިގެން ލައިބީރިޔާގެ ޚަރިޖީ ވަޒީރު ސާރާ ބޭސޮލޮ ޔަންތީ ވިދާޅުވީ އެފްރިކާގައި މީހުން ވާހަކަ ދައްކައި ބަސްބަހާ ގުޅޭގޮތުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިިރިއުޅޭ މީހުންނަށް މާ ބޮޑު މަޢުލޫމާތެއް ނޭނގޭ ކަމަށެވެ. އެފްރިކާއަކީ ތަފާތު އެކި ބަސްބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ ބަައްރެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޓްެރަމްޕްގެ ސުވާލުން އެ ޤައުމުގެ ރައްޔިތުންގެ ހިތްހަމަނުޖެހުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕްއާއި ބޮކައި ދެ ޤައުމުގެ ތާރީޚާ ގުޅޭގޮތުން ފަހުން ވާހަކަދެއްކެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގިނަ މީހުން ދެކެނީ ޓްރަމްޕް ކުރެއްވި ސުވާލަކީ ލައިބީރިޔާގެ ރައީސަށް ކުރެއްވި ތައުރީފެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި ރައީސް ބޮކައި އިނގިރޭސި ބަހުން ވާހަކަދެއްކެވިލެއް ފުރިހަމަކަމުން ޓްރަމްޕް އާޝޯހުވުމުން ދައްކުވައިދެނީ އެފްރިކާގެ ޤައުމުތަކާއި އެ ޤައުމުތަކުގެ ރައްޔިތުންނާބެހޭ މާ ބޮޑު މައުލޫމާތެއް ދުނިޔޭގެ ގިނަ މީހުންނަށް ނޭނގޭ ކަމެވެ. ގިނަ މީހުން ދެކެނީ އެފްރިކާއަކީ ހަނގުރާމަތައް ހިނގާ، ފަޤީރު އަދި ނުކިޔަވާތިބި މީހުން ދިރިއުޅޭ ބައްރެއް ކަމަށް އެފްރިކާގެ ބައެއް މީހުން ބުނެއެވެ.

އެމެރިކާއާއި ލައިބީރިޔާއާ ގުޅިފައިވާ މިންވަރާއި ބައެއް މުހިންމު މަޢުލޫމާތު:

ލައިބީރިޔާ އުފެއްދީ މިނިވަންވެފައިވާ އެމެރިކާގެ އަޅުން

ލައިބީރިޔާ އުފައްދާފައި ވަނީ ކަޅު ނަސްލަށް ނިޞްބަތްވާ އެމެރިކާގެ އަޅުންގެ ތެރެއިން މިނިވަންވެފައިވާ ބައެކެވެ. އެއީ 1822ވަަނަ އަހަރުގެ ތެރޭގައެވެ. އެ ޤައުމަކީ މިނިވަން ދައުލަތެއް ކަމަށް އިޢުލާނުކޮށްފައި ވަނީ 1847ވަނަ އަހަރެވެ. ހުޅަނގުގެ ޤައުމުތަކުން އެފްރިކާއާއި އޭޝިޔާއާއި ދެކުނު އަދި އުތުރު އެމެރިކާގެ ޤައުމުތަކަށް އަތްގަދަ ކުރަމުންދިޔަ ދުވަސްވަރު، ކަޅު ނަސްލަށް ނިޞްބަތްވާ އެތައް ހާސް އެމެރިކާގެ ރައްޔިތުންނާއި މިނިވަންވެފައިވާ އެފްރިކާގެ އަޅުން، ލައިބީރިޔާގައި ދިރިއުޅެންފެށިއެވެ.

އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން ލައިބީރިޔާގެ މިނިވަންކަން ރަސްމީކޮށް އިޢުލާނުކުރައްވާފައި ވަނީ 1862ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ވިލާތުގެ އިސްތިއުމާރީ ޒަމާނުގައި އެމެރިކާގެ ނުފޫޒު އެ ޤައުމަށް ފޯރަމުން ދިޔައެވެ. ލައިބީރިޔާއިން އެމެރިކާގެ ގިނަ ސަގާފަތްތަކާއި ތަރިކަތައް ލައިބީރިޔާގެ ތާރީޚުގެ ތެރޭގައި ހިމަނާފައިވެއެވެ. އެމެރިކާގެ މި ނުފޫޒުގެ ސަބަބުން ލައިބީރިޔާގެ އަމިއްލަ ސަގާފަތް ބައްޓަންވީ އެ ޤައުމުގެ ސިިފަތައް ވެސް ހިމެނިގެންނެވެ.

މީގެ އިތުރުން ލައިބީރިޔާގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރެއިން 10 ރައީސުންނަކީ އެމެރިކާގައި އުފަންވެވަޑައިގެންނެވި ބޭފެޅުންނެވެ.

ލައިބީރިޔާގެ ވެރިކަންކުރާ ރަށަށް ދީފައި ވަނީ އެމެރިކާގެ ކުރީގެ ރައީސެއްގެ ނަން

ލައިބީރިޔާގެ ވެރިކަންކުރާ ރަށް ކަމަށްވާ މޮންރޯވިޔާއަށް ނަން ދީފައި ވަނީ އެމެރިކާގެ ފަސް ވަނަ ރައީސް، ޖޭމްސް މޮންރޯގެ ޝަރަފުގައެވެ. މޮންރޯއަކީ މިނިވަންވެފައިވާ އެފްރިކާ-އެމެރިކާ މީހުން ހުޅަނގު އެފްރިކާގައި ޤާއިމް ކުރުމުގައި އެންމެ އިސް ދައުރު އަދާކުރި އެމެރިކަން ކޮލޮނައިޒޭޝަން ސޮސައިޓީ، އޭސީއެސްއަށް ވަރަށް ބޮޑަށް ތާއިދުކުރައްވައި ހިތްވަރު ދެއްވި ބޭފުޅެކެވެ. މޮންރޯވިޔާގައި އެންމެ ފުރަތަމަ ބިނާކުރި އިމާރާތްތައް ވެސް ފަރުމާކޮށްފައި ވަނީ އެމެރިކާގެ އިމާރާތްތައް ހުންނަ ގޮތަށެވެ. މޮންރޯވިޔާގެ ގިނަ ޢަަދަދެއްގެ މަގުތަކަށް ވެސް ނަންދީފައި ވަނީ އެމެރިކާގެ މަޝްހޫރު ބޭބޭފުޅުންގެ ނަމުންނެވެ. މޮންރޯވިޔާގެ މައި ހަސްފަތާލުގެ ނަމަކީ ވެސް ޖޯން އެފް ކެނެޑީ މެޑިކަލް ސެންޓަރެވެ. ޖޯން އެފް ކެނެޑީއަކީ ވެސް އެެމެރިކާގެ ކުރީގެ ރައީސްއެކެވެ.

ދެ ޤައުމުގެ ދިދަ ވަރަށް ވައްތަރު

ލައިބީރިޔާގެ ދިދަ އެެމެރިކާގެ ދިދައާ ވަރަށް ވައްތަރެވެ. އެމެރިކާގެ ދިދައިގައި ހުންނަ ފަދައިން ރަތް ކުލައާއި ހުދު ކުލައިގެ ރޮނގުތައް ހަމަ އެއް ގޮތަކަށް ލައިބީރިޔާގެ ދިދައިގައި ވެސް ދަމާފައި ހުރެއެވެ. ނަމަވެސް އެމެރިކާގެ ދިދައިގައި ދަމާފައި ވަނީ 13 ރޮނގެވެ. އޭގެ ބަދަލުގައި ލައިބީރިޔާގެ ދިދައިގައި ދަމާފައި ވަނީ 11 ރޮނގެވެ.

އެމެރިކާގެ ދިދަައިގެ ކަނާތު ފަޅިން މަތީ ކަނުގައި ނޫ ކުލައިގެ އަކައެއް ތެރޭ 50 ހުދު ތަރި ޖަހާފައިވެއެވެ. އެއިން ކޮންމެ ތަރިއެއް ރަމްޒުކޮށްދެނީ އެމެރިކާގެ ސްޓޭޓެކެވެ. ލައިބީރިޔާގެ ދިދައިގައި ވެސް ހަމަ އެ ދިމާލުގައި މި ފަދަ ނޫކުލައިގެ އަކައެއް އޮވެއެވެ. ނަމަވެސް އެ އަކައިގެ ތެރޭގައި ކުރަހާފައި ވަނީ ހުދު ކުލައިގެ ބޮޑު އެއް ތަރިއެވެ.

ލައިބީރިޔާގެ ދިދަ ފަރުމާކޮށްފައި ވަނީ އެމެރިކާގައި އުފަންވި ކަޅު ނަސްލަށް ނިޞްބަތްވާ ހަތް އަންހެނުންނެވެ.

ލައިބީރިޔާގެ ކުރީގެ ރައީސްގެ ދަރިކަލުން އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމުގައި

ލައިބީރިޔާގެ ކުރީގެ ރައީސް ޖޯޖް ވެއާގެ ދަރިކަލުން، ޓިމޮތީ ވެއާއަކީ އެމެރިކާއަށް ނިޞްބަތްވާ ފުޓުބޯޅަ ކުޅުންވެރިއެކެވެ. އޭނާއަކީ އިޓަލީވިލާތުގެ ޔުވެންޓަސް ކްލަބަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާއަކީ އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ވެސް ކުޅުންތެރިއެކެވެ.

25 އަހަރުގެ ޓިމޮތީ އުފަންވެފައި ވަނީ އެެމެރިކާގައެވެ. އޭނާގެ ބައްޕާފުޅު، ޖޯޖްއަކީ ވެސް މޮޅު ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1995ވަނަ އަހަރު ބެލޮން ޑީއޯ އެވޯޑު ވެސް ހާޞިލް ކުރައްވާފައެވެ. އެއީ އިޓަލީވިލާތުގެ އޭސީ މިލާންއަށް ކުޅުއްވި ދުވަސްވަރެވެ. އޭނާއަކީ މި އެވޯޑް ހާޞިލްކޮށްފައިވާ އެފްރިކާއަށް ނިޞްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ ލައިބީރިޔާގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ 2018ވަނަ އަހަރެވެ.

އެފްރިކާގެ ފުރަތަމަ އަންހެން ރައީސް

އެފްރިކާގައި ފުރަތަމަ ފަހަރަށް އަންހެން ރައީސަކު އިންތިޚާބުކުރި ޤައުމަކީ ލައިބީރިޔާއެވެ. އެއީ 2005ވަނަ އަހަރު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި އެލެން ޖޯންސަން ސަރލީފެވެ. 2008ވަނަ އަހަރާހަމައަށް އޭނާ އެ ޤައުމުގައި ވެރިކަންކުރެއްވިއެވެ. އޭނާއަކީ އެމެރިކާގެ މެޑިސަން ބިޒްނަސް ކޮލެޖުން ކިޔަވާވިދާޅުވެފައިވާ ބޭކަނބަލެކެވެ. މަތީ ތަޢުލީމު ޙާޞިލް ކުރެއްވީ އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަސިޓީންނެވެ. އެ ކަމަނާގެ ދައުރުގައި ޤައުމުގެ ޞުލްޙަ ދެމެހެއްޓުމަށް ކުރައްވާފައިވާ މަސައްކަތަށް އޭނާއަށް ނޮބެލް ޞުލްޙައިގެ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ. އެއީ 2011ވަނަ އަހަރުގެ ތެރޭގައެވެ. 2016ވަނަ އަހަރު ފޯބްސް މެގަޒިނުން ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ އަންހެން ބޭކަނބަލުންގެ ލިސްޓުގައި އެ ކަމަނާ ހިމަނާފައެެވެ.

ދުނިޔޭގެ އެންމެ ބޮޑު ރަބަރު ޕަލާންޓޭޝަން ހުންނަނީ ލައިބީރިޔާގައި

ދުނިޔޭހެ އެންމެ ބޮޑު ރަބަރު ޕްލާންޓޭޝަން ވެސް ހުންނަނީ ލައިބީރިޔާގައެވެ. 185 އަކަމޯޓަރުގެ މި ޕްލާންޓޭޝަނަކީ އެމެރިކާގެ ޓަޔަރު އުފައްދާ ކުންފުންޏެއްގެ ސަބްސިޑަރީއެއް ކަމަށްވާ ފަޔަރސްޓޯން ލައިބީރިޔާގެ މިލްކެކެވެ. 1962ވަނަ އަހަރު އެ ޕްލާންޓޭޝަން އުފައްދާފައި ވަނީ އެމެރިކާއަށް ރަބަރު ހޯދުމަށް މަގިފަހިކޮށްިދިނުމުގެ ގޮތުންނެވެ.