އެމެރިކާއަށް ވެރިވެފައިވާ ހޫނުގައި މެޗުތައް ކުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޗެލްސީގެ ކެޕްޓަން އެންޒޯ ފެނާންޑޭޒް ބުނެފިއެވެ.
އޭނާ މިހެން ބުނީ ފީފާ ކުލަބު ވޯލްޑް ކަޕް ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އުމުރުން 24 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބުނީ ޗެލްސީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗު ކުޅުނީ އާދަޔާ ހިލާފު ގަދަ ހޫނެއްގައި ކަމަށެވެ. އަދި އެއީ މޫސުމާ ބެހޭ ފަރާތްތަކުން ނުރައްކާތެރިކަން އޮތް ވަރުން ބޭރަށް ނުކުމެ ނޫޅުމަށާއި އެ ހޫނުގައި މަސައްކަތް ނުކުރުމަށް އެދިފައިވާ ވަގުތެއް ކަމަށެވެ. އެމެރިކާގެ ނިއުޖާޒީގައި އާދިއްތަ ދުވަހު ފައިނަލް މެޗު ކުޅޭއިރު ހޫނުމިން ހުންނާނެ ކަމަށް ބެލެވެނީ 38 ޑިގްރީގަ އެވެ.
މި ސަބަބަކާ ހުރެ ޗެލްސީގެ ކޯޗު ވެސް ވަނީ ހޫނު ގަދަ ކަމުން ރަނގަޅަށް ޕްރެކްޓިސް ނުކުރެވޭ ކަމަށް ބުނެފަ އެވެ.
"މި މުބާރާތުގައި ކުޅުމަކީ ވަރަށް ނުރައްކާ ކަމެއް. މެޗު ބަލަން އަންނަ ސަޕޯޓަރުންނަށް ވެސް އަދި އަހަރުމެން ކުޅޭ ކުޅުންތެރިންނަށް ވެސް މި ހޫނުގައި ކުޅުމަމީ ނުރައްކާތެރި ކަމެއް. މި ހޫނުގައި ގޭމުގެ ސްޕީޑް ވަރަށް ދަށް،" އެންޒޯ ބުންޏެވެ.
އޭނާ އަދި ބުނީ ބައެއް މެޗުތަކުގައި ދަނޑުމަތީގައި އޭނާ ވެސް އޮށޯންނަނީ ގައިން ވަރު ހުސްވެގެން ކަމަށާއި ބައެއް ފަހަރު އެއީ ފެއިންޓްވުން ފަދަ ކަމެއް ކަމަށެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެނުން އަންނަ ކުޅުންތެރިޔާ ބުނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކުޅޭ ގައުމުތަކުން ވެސް މި ކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ފީފާއިން ވެސް މިއަށްވުރެ ފިނި ވަގުތުތަކަށް މެޗުތައް ބަދަލު ކުރަންޖެހޭ ކަމަށެވެ.
ކުލަބު ވޯލްޑް ކަޕުގެ މެޗުތައް ރާވާފައިވަނީ ޔޫރަޕާއި އެފްރިކާގެ ގައުމުތަކަށް މެޗުތައް ފަސޭހައިން ބަލާލެވޭނެ ވަގުތުތަކަށް ވިސްނައިގެންނެވެ. ހޫނުގަދަ ވަގުތުތަކަށް ބައެއް މެޗުތައް ދިމާވެފައިވަނީ މި ސަބަބާ ހުރެ އެވެ.