ނޮޓިންހަމް ފޮރެސްޓުގެ މިޑްފީލްޑަރު މޯގަން ގިބްސް-ވައިޓް، 60 މިލިޔަން ޕައުންޑުގެ ފީއެއްގެ ދަށުން ޓޮޓްނަމް ހޮޓްސްޕަރއިން ގަންނަން ނިންމައިފިއެވެ.
އުމުރުން 25 އަހަރުގެ ގިބްސް ވައިޓް އާއިއެކު ނޮޓިންހަމް ފޮރެސްޓް އިން ހަދާފައިވާ އެއްބަސްވުމުގައި ވާ ގޮތުން އޭނާ ވިއްކާލަން ހިމަނާފައިވާ އަގަކީ 60 މިލިއަން ޕައުންޑުގެ ފީއެކެވެ. އަދި އެ އަދަދަށް އޭނާ ގަންނަން ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ މިހާރު އެއްބަސްވެ އެ ކްލަބުގެ މެޑިކަލް މިއަދު ހަދާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
އިންގްލޭންޑްގެ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެފައިވާ ގިބްސް ވައިޓް އަށް މެންޗެސްޓަރ ސިޓީއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އެ އަޑު ފަހުން މަޑުވެފައިވާއިރު އޭނާގެ ސޮއި ހޯދަން ޓޮޓްނަމް އިން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާފައިވާ ޓޮޓްނަމް ހޮޓްސްޕަރ އިން އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން އެ ޓީމުން ވަނީ ވެސްޓްހޭމްގެ ފޯވަޑް މުހައްމަދު ކުޑޫސްގެ ސޮއިވެސް ހޯދާފަ އެވެ.
ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ޓޮޓްނަމް ހޮޓްސްޕަރ ތައްޔާރުވާން ފަށާއިރު އެ ކްލަބުން ވަނީ ބްރެންޓްފޯޑްގެ ޔޯން ވިސާ އަށްވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ގިބްސް ވައިޓް ޓޮޓްނަމް ހޮޓްސްޕަރ އާއި ގުޅިފައިވަނީ 2022 ވަނަ އަހަރު ވޮލްވްސް އިން އޭރު އެ ކްލަބުގެ ރެކޯޑް އަދަދެއް ކަމުގައިވާ 25 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އޭނާ ވަނީ ނޮޓިންހަމް ފޮރެސްޓަށް މިދިޔަ ސީޒަނުގައި ކުޅެދިން 34 މެޗުގައި ހަތް ލަނޑު ޖަހާ އިތުރު އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.