ޚަބަރު

ސަބަލެންކާ ކެޓިއިރު، އަނިސިމޯވާ އާއި ސްވިއަޓެކް ފައިނަލަށް


މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްގެ އަރީނާ ސަބަލެންކާ ކެޓިއިރު، ފައިނަލަށް އެމެރިކާގެ އަމަންޑާ އަނިސިމޯވާ އާއި ޕޮލަންޑުގެ އީގާ ސްވިއަޓެކް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ 13 ވަނައަށް ސީޑުކޮށްފައިވާ އަނިސިމޯވާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 2-1 ސެޓުން ސަބަލެންކާ ބަލިކުރުމަށްފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ގެންގޮސްފައިވަނީ އަނިސިމޯވާއެވެ. އެކަމަކު ސަބަލެންކާ ވަނީ ޖެހިގެންއައި ސެޓު 6-4 އިން ކާމިޔާބުކޮށް، އުއްމީދު އައުކޮށްފައެވެ. ނަމަވެސް ތިންވަނަ ސެޓުގައި އަނިސިމޯވާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ މި ސެޓު ގެންގޮސްފައިވަނީ 6-4 އިންނެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް އުމުރުން 23 އަހަރުގެ އަނިސިމޯވާ ދަތުރުކުރިއިރު، އިއްޔެ ކުޅުނު ވިމްބަލްޑަންގެ ސެމީ ފައިނަލަކީ 2019 ވަނަ އަހަރުގެ ފެރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށްފަހު، ބޮޑު މުބާރާތެއްގެ ސެމީގައި އޭނާ ވާދަކުރި ފުރަތަމަ މެޗެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް ސްވިއަޓެކް ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި 35 ވަނައަށް ރޭންކް ކޮށްފައިވާ ސްވިޓްޒަލަންޑުގެ ބެލިންޑާ ބެންޗިޗް އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގައި ސްވިއަޓެކުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ ފަސޭހަކަމާއެކު 6-2 އަދި 6-0 އިންނެވެ.

ސެމީ ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ސްވިއަޓެކް ބުނީ ފައިނަލްގައި ކުޅެވޭނެ ކަމަށް އޭނާ އުއްމީދުނުކުރާ ކަމަށެވެ. ސްވިއޓެކް އާއި އަނިސިމޯވާ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.