ޚަބަރު

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ދުން ބޯވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • މަގު ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވޭ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ދުން ބޯވެފައިވާތީ އާއްމު ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ، ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިލް ޒޯންގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ، ދުން ފެތުރެމުންދާކަމަށެވެ. މީގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށާއި އަދި ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ ފަރާތްތަކުން މަގު ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އެދިވަޑައިގަންނަވައެވެ. އަދި އެ ސަރަހައްދާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕައި، ބޭރަށް ނުކުންނަ ނަމަ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން އަމަލު ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ އަލިފާން ރޯވެފައިވަނީ އެންސިސްގެ ގުދަނެއްގައެވެ. އަދި އެ ގުދަންގައި ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.