ޚަބަރު

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމަކީ ބޭނުންތެރިކަމެއް: ފަސްޓްލޭޑީ


  • ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ޙާލަތަށް އަލިއަޅުއްވާލެއްވި

ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމަކީ ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިފަދައިން ވިދާޅުވީ ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އައްޑޫ ސިޓީ، މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވާފައެވެ. ސިއްހީ ޚިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ޚިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއއެވެ. އެކަމަނާގެ ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

ފޭދޫ ޞިއްޙީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް މިއަދުގެ ޖަލްސާގައި ކުރިޔަށްދިޔައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފޭދޫ ޞިއްޙީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފޭދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއިއެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.