އެކުވެރި ދައުލަތްތައް (އދ)ން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާ (އުންރްވާ)ގެ ޚިދުމަތްތައް މެދުކެނޑުނަ ނުދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ދިރާސާއެއް ހަދައިފިއެވެ. އެ ދިރާސާ ހަދާފައި ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ އިރުޝާދުގެ ދަށުންނެވެ. އުންރްވާގެ ގިނަ ޚިދުމަތްތައް މި ވަގުތު އޮތީ މަޑުޖެހިފައެވެ. ސަބަބަކީ، އެ އިދާރާއަށް އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ ބަޖެޓު ކަނޑައިލުމާއި، ފަލަސްޠީނުގެ ބިންތަކުގައި ހަރަކާތްތެރިވުމަށް ޔަހޫދީން އެ ޖަމާޢަތަށް ހުރަސް އެޅުމެވެ.
އދން ހަދާފައިވާ ދިރާސާގެ މަޢުލޫމާތު ހާމަވެފައިވާއިރު، އުންރްވާގެ ޚިދުމަތްތައް ކުރިއަށް ގެންދެވޭނެ ހަތަރު ގޮތެއް ދެނެގަނެވިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އދގެ ދިރާސާ ރިޕޯޓުގައި ބުނެފައި ވަނީ، އުންރްވާގެ ޚިދުމަތްތައް ފުޅާ ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އެ ޖަމުޢިއްޔާގެ ޚިދުމަތް ހުއްޓައިލަން މަޖުބޫރުވާނެ ކަމުގައެވެ.
އުންރްވާގެ ދެމިއޮތުން ކަށަވަރު ކުރުމުގެ ގޮތުން އެޅިދާނެ ކަމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެ އިދާރާގެ ބައެއް ޚިދުމަތްތައް މަދު ކުރުމާއި، އެ އިދާރާއަށް ލަފާދޭނެ ޚާއްޞަ ބޯޑެއް އެކުލަވައިލައި ހިންގުން ހަރުދަނާ ކުރުމާއި، އުންރްވާއިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުންދާ ޤައުމުތަކުގެ ސަރުކާރުތަކުގެ އިތުރުން ފަލަސްޠީނުގެ ސަރުކާރާ ބައެއް ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޙަވާލު ކުރުން ފާހަގަ ކޮށްފައިވެއެވެ.
އުންރްވާގެ ޚިދުމަތްތައް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ދެނެގަތުމަށް ގުތެރޭޝް އަމުރު ކުރައްވާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. ނަމަވެސް، އެ ޖަމުޢިއްޔާގެ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ނުވަތަ މުރާޖާ ކުރުމުގެ ބާރު ލިބިގެން ވަނީ އދގެ ޢާންމު މަޖިލީހަށެވެ.
އުންރްވާ އުފައްދާފައި ވަނީ، ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ޒަޔަނިސްޓު ޔަހޫދީންގެ ދައުލަތެއް އުފެއްދުމާ އެކުގައެވެ. 1949ވަނަ އަހަރު އުފައްދާފައިވާ އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ، ޔަހޫދީންގެ ދައުލަތް ބިނާ ކުރުމުގެ ގޮތުން އަމިއްލަ ވަޒަނުން ބޭރު ކޮށްފައިވާ ފަލަސްޠީނުގެ ރެފިއުޖީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި، ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިިނުމުގެ އިތުރުން ފަލަސްޠީނުގެ އެތަކެއް މިލިޔަން ރައްޔިތުންނަށް ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. ފަލަސްޠީނުގެ ބިންތައް ކަމުގައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ސޫރިޔާއާއި އުރުދުން އަދި ލުބްނާންގައި ވެސް އުންރްވާން ދަނީ ހަރަކާތްތެރިވަމުންނެވެ.
"ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށާއި، އުންރްވާގެ މެންޑޭޓް [ޒިންމާތަކާއި މަސްއޫލިއްޔަތުތައް] ރައްކާތެރިކުރުމާއި، ސަރަޙައްދީ ސުލްޙައާއި ސަލާމަތް ކަށަވަރު ކުރުމަށް އދގެ މެންބަރު ޤައުމުތަކުން ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމުގައި އަޅުގަނޑު ޤަބޫލު ކުރަން،" ގުތެރޭޝް ވިދާޅުވިއެވެ.
ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހަރަކާތްތެރިވުން އުންރްވާއަށް މަނާ ކޮށްފައި ވަނީ ޖަނަވަރީ 30ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި އެތަކެއް މިލިޔަން ރައްޔިތުންނެއް ދިރިއުޅޭ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ޤުދުސް ވެސް ހިމެނެއެވެ. ޤުދުސަކީ ވެސް ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެކެވެ.
މި ވަގުތު އުންރްވާގެ މާލީ ހާލަތު ވެސް އޮތީ ވަރަށް ދަށްކޮށެވެ. އަދި، ފަލަސްޠީނުގެ ރެފިއުޖީންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއަށް ވަނީ 200 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވެފައެވެ. މީގެ ކުރިން އެ ޖަމުޢިއްޔާއަށް އެންމެ ބޮޑު ޚަރަދެއް ކުރަމުން ދިޔައީ އެމެރިކާގެ ސަރުކާރުންނެވެ. ނަމަވެސް، 2024ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެމެރިކާއިން ވަނީ އުންރްވާއަށް ޚަރަދު ކުރުން ހުއްޓައިލާފައެވެ.