ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާ ދެކޮޅަށް ކުޅުނު މެޗަކީ ފެންވަރު ރަނގަޅު މެޗެއް ކަމަށާއި، އެ ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ އެސިސްޓަންޓް ކޯޗު ޝުއައިބު އަޙްމަދު ބުނެފިއެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ހުރާ ކޮމިއުނިޓީ ކުލަބާއެކު ކުޅުނު ވާދަވެރި މެޗު 3-1 ސެޓުން ކާމިޔާބުކޮށްފައިވަނީ ދަނޑިމަގުންނެވެ. މި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝުއައިބު ބުނީ މި މެޗަކީ ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗެއްކަމަށެވެ. އަދި މިއީ ވޮލީބޯޅައިގެ ފެންވަރު ރަނގަޅު މެޗެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
"ހުރާ ޓީމަކީވެސް ފުދޭވަރަކަށް މޮޅު ޓީމެއް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ވަރަށް މޮޅު ނޫނީ ކޮލިޓީ ވޮލީ މެޗެއް. މި ދެ ޓީމުގެ ފަރާތުންވެސް ފުދޭވަރަކަށް ހަމަ ރަނގަޅު ކުޅުމެއް އަޅުގަނޑުމެންނަށް ފެނިގެންދިޔަކަން ފާހަގަކޮށްލަންޖެހޭ." ޝުއައިބު ބުންޏެވެ.
ދެ ޓީމުންވެސް ވަރަށް ގާތްތާގުގައި އެއްވަރަށް ސްކޯކުރި މެޗާ ގުޅޭގޮތުން އެސިސްޓަންޓް ކޯޗު ބުނީ މެޗުން ލިބުނު ކާމިޔާބީއަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ދަނޑިމަގުން ގެންދިޔަ ނަމަވެސް، ހުރާއިން ވަނީ ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ޝުއައިބު ބުނީ މި މުބާރާތުގައި ދަނޑިމަގުން ގާތްގާތުގައި ވަރުގަދަ މެޗުތަކެއް ކުޅުނު ކަމަށާއި، އެކަމުގެ އަސަރު މި މެޗުން ފެނިގެންދިޔަ ކަމަށެވެ. އަދި އެއްވެސް އަރާމެއް ނެތި ކުޅުންތެރިން މެޗުތަކަށް ނުކުންނަންޖެހުމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކޮށްފައެވެ.
"އިއްޔެވެސް އަޅުގަނޑުމެން ވަރަށް ވަރުގަދަ މެޗެއް ކުޅެފަ އަނެއްކާ ރޭގައި ކުޅެފަ، އަނެއްކާ މިއަދު ހަވީރު ނުކުންނަންވީމަ ވާގޮތަކީ އަސްލު ކުޅުންތެރިންނަށް އެ ލިބެންވާ ރެސްޓު ނޫނިއްޔާ އެކުޅުންތެރިންނަށް ބޭނުންވާ ވަގުތު އަސްލު އަޅުގަނޑުމެންނަކަށް ނުދެވޭ. ވުމާއެކު އޭގެ އިމްޕެކްޓު އާންމުގޮތެއްގައި އަޅުގަނޑުމެންނަށް ގޭމް ތެރޭގައި ފެނިގެން މިދަނީ" ޝުއައިބު ބުނެފައެވެ.
ޝުއައިބު ބުނީ ޓީމުން ދެއްކި ހިތްވަރަށާއި، ކުރި ބުރަ މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. އެހެންކަމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށްވެސް އޭނާ ބުންޏެވެ. އަދި މިހާ ހިސާބަށް ޓީމަށް އާދެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށްވެސް ޝުއައިބު ވަނީ ބުނެފައެވެ.