ޖަލުތަކުން އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއްކަމަށްވާ ސޮނެވާ ނަމޫނާއާއެކު ފަހުމުނާމާއެއް އެކުލަވާލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޖަލުތަކުން އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމުގެ ބޭނުމަކީ ތިމާވެށްޓާ ރައްޓެހި އަދި ފައިދާ ލިބޭނެ ގޮތަކަށް ކުނި މެނޭޖުކުރުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އުފައްދާ ގަސްކާނާ ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައިކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން އުކާލާ ކުނީގެ ބާވަތްތަކުން ގަސްކާނާ އުފެއްދުމަށް ބޭނުންވާ އާލާތްތައް ސޮނެވާ ނަމޫނާއިން ފޯރުކޮށްދޭނެއެވެ. އަދި ގަސްކާނާ އުފައްދާ ގޮތް ދަސްކޮށްދީ، ތަމްރީން ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ފަހުމުނާމާގެ ދަށުން ކުރެވޭ މި މަސައްކަތުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
މި ފަހުމުނާމާގައި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޒްހޫރާ އަޙްމަދެވެ.