ޚަބަރު

ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ވައްތަރުވާނީ ރާޒުވާ މެޗަކާ: ފުލުމިނެންސޭގެ ކޯޗު


ފީފާ ކުލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލްގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު އެންމެ ވައްތަރުވާނީ ރާޒުވާ މެޗަކާ ކަމަށް ބްރެޒިލްގެ ފުލުމިނެންސޭގެ ކޯޗު ރެނާޓޯ ގައުޗޯ ބުނެފިއެވެ.

މިރޭ ދަންވަރު 12 ޖަހާއިރު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ ރެލިގޭޝަނާ ހަނގުރާމަ ކުރަނިކޮށް އޭނާ ހަވާލުވި ޓީމު ތިން މަސް ފަހުން މި މުބާރާތުގެ ސެމީ ފައިނަލަށް އައީ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ.

"ކުޅުންތެރިންގެ މަސައްކަތާއި އެމީހުންގެ މޮޅުވުމުގެ ރޫހާއި އެ މީހުންގެ ހިތްވަރުން މި ހިސާބަށް މި އާދެވުނީ. ދެން މިރޭގެ މެޗަކީ ވަރަށް ކެތްތެރިވާން ޖެހޭ މެޗެއް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ޗެލްސީ އާއި ފުލުމިނޭސީ ކުރެ ދުނިޔެ ބޮޑަށް ބުރަވަނީ ޗެލްސީ ކޮޅަށް ކަމަށެވެ. އޭގެ ސަބަބަކީ ޗެލްސީގެ މަޝްހޫރު ކަމާއި މާލީ ގާބިލްކަން ކަމަށެވެ.

"ޗެލްސީ އަކީ މޮޅު ކުޅުންތެރިންގެ ޓީމެއް. އަހަރުމެން ކަހަލަ މާލީ ގޮތުން އާދައިގެ ޓީމުތަކަށް އެ މީހުން ފަދަ ގަދަ ޓީމުތަކާ ވާދަ ނުކުރެވޭނެ. އަހަރުމެންގެ މުޅި ބަޖެޓަކީ އެ މީހުންގެ ބަޖެޓަށް ބަލައިފިނަމަ އޭގެ 10 ޕަސެންޓް. މިހެންވީމާ އެ މީހުން ފަދަ ބޮޑު ކުލަބުތަކުން އަބަދުވެސް އެހެން ޓީމުތަކުގެ މޮޅު ކުޅުންތެރިން ގަނެލާނެ. މިއީ އަހަރުމެންނަށް ޗެލެންޖެއް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އެމެރިކާ ގަޑިން ހަވީރު ތިނެއް ޖަހާއިރު ފަށާ މެޗު ވަރަށް ހަމަހަމަވާނެ ކަމަށެވެ.

"މިއީ ވަރަށް ހޫނު ގަދަ ގަޑިއެއް. އެހެންވީމާ ބޯޅަ އަތުގައި އޮތުން އެއީ ވަރަށް މުހިންމު ކަމެއް. ބޯޅަ ނެތި އިދިކޮޅު ކުޅުންތެރިން ފަހަތުން ދުވަން ހަދައިފިނަމަ އެ ބަޔަކު ހަލާކު ވެދާނެ. ހާއްސަކޮށް ޗެލްސީ ކަހަލަ ޓީމުތަކާމެދު. މިހެންވެ މެޗުގައި ފެނިގެންދާނީ ރާޒުވާ މެޗެއް ފަދައިން ކެތްތެރިކަމާއެކު ތިބެ ކުޅޭ މަންޒރު ކަމަށް އަހަރެންނަށް ފެންނަނީ،" ކޯޗު ބުންޏެވެ.

އުމުރުން 62 އަހަރުގެ ތަޖުރިބާކާރު ބުނީ އެމެރިގެ ޓީމުތަކާއި ސައޫދީ ޓީމުތައް ވެސް ބަލިކޮށް އޭނާގެ ޓީމު ކުރި އަށް ދިޔައީ ވެސް ވިސްނުންތެރިކަން އިސްކުރުމުގެ ސަބަބުން ކަމަށެވެ.