ޚަބަރު

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމާ ގުޅޭ ބިލަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ތާރީޚީ ބިލެއް: ނާޒިމް


  • ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ސީދާ ޑިމޮކްރަސީ

  • ވެރިން ބޭނުންވާގޮތަށް ކަންކަން ނުކުރެވޭ ގޮތަށް ޤާނޫނުތަކާއި ޤަވާއިދުތައް ބައްޓަންވާން ޖެހޭ

ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާ ގުޅޭ ބިލަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ހުށަހެޅުނު ތާރީޚީ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ "ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު"އަށް ބަހުސް ކުރައްވަމުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މިއީ ވަކި ޤާނޫނެއްގައި މިކަންކަން ތަފްސީލް ކުރެވިގެން މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ތާރީޚީ ބިލެއް ކަމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ސީދާ ޑިމޮކްރަސީގެ ގޮތުގައި ފަލްސަފާވެރިން ވިދާޅުވާ ކަމެއް ކަމަށެވެ. އަދި މިއީ ކުރިއަރާފައިވާ ޤައުމުތަކުގެ ޑީއެންއޭގައި ހިމެނޭ މާތް ސިފައެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްތިގުލާލީ ބާރުވެރިކަމުގެ ސަބަބުން މަޖިލީހާ ދެކޮޅަށް ގަދަބަސް ބުނުކަމީ އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެހެންވެ ރައްޔިތުންގެ ސީދާ ބަހެއް ހޯދުމުގައި އޮންނަ ގޮތަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބައެއް މާއްދާތައް ތަޅުލެވިފައިވާކަމަށާއި އެ މާއްދާތައް ހުޅުވާލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށްދާންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"މިހާރު ޤާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި ވަނީ ތަޅުލެވިފައި. އަސާސީ ޙައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތައް ބިނާވެފައިމިވަނީ މި ޤާނޫނުއަސާސީގައި ތަޅުލެވިފައި ހުރި މާއްދާތަކާ. އެ މާއްދާތައް ހުޅުވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ. އެހެންވީމާ މިއަދު ހުށަހެޅިގެން މިދަނީ އެކަމަށް މަގުފަހިކޮށްދޭ ޤާނޫނު ކަމަށްވާތީ މިއީ އަޅުގަނޑުމެންގެ ބަރުލަމާނީ ހަޔާތުގައި ވަރަށް މުހިންމު ޤާނޫނެއް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

މި ބިލު ހުށަހަޅުއްވައި، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ޤައުމާ ހަވާލުވާ ބައެއް ވެރިންނަކީ ނަހަމަގޮތުގައި ބާރުގެ ބޭނުންކުރާ ބައެއްކަމަށާއި އޭގެ ސަބަބުން މާޒީގައިވެސް ޤައުމަށް އެތައް ގޮތަކުން ގެއްލުންވެފައިވާ ކަމަށެވެ. އެފަދަ ވެރިން ބޭނުންވާގޮތަށް ކަންކަން ނުކުރެވޭ ގޮތަށް ޤާނޫނުތަކާއި ޤަވާއިދުތައް ބައްޓަންވާންޖެހޭ ކަމަށާއި މިއަދު ސަރުކާރުން ކުރައްވަމުންދަނީ އެ މަސައްކަތް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ޤާނޫނެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ އުސޫލުތައް ބަޔާންކުރެވިގެންދިއުމަކީ ރައްޔިތުން ހަގީގީ މާނާގައި ބާރުވެރިކުރުވުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަދަލުކުރަންޏާމުން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ. މިއީ ނޫންތޯ ރައްޔިތުން ބާރުވެރިކުރުވުމަކީ. ރައީސުލްޖުމްހޫރިއްޔާގެ އުމުރު، 5 އަހަރުގެ ދައުރެއް އޮތްއޮތުން 4 އަހަރަށް ނުވަތަ 4.5 އަހަރަށް ބަދަލުކުރަންޏާމުން ދިވެހިރައްޔިތުން އެކަމުގައި ދެކޭގޮތް ބެލުމަށް ވޯޓެއް ނަގަންވާނެއޭ. މިއީ ބާރުވެރިކުރުވުމަކީ. މާޒީއަށް ބަލާނަމަ ބައެއް މަޖިލިސްތަކުގައި މަސައްކަތްކޮށްފައި އެބަހުރި އެ ބޭފުޅުންނަށް މި މަޖިލީހުން ލިބިދޭ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރަންވެސް،" އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ މި ބިލަކީ މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިރާސާ ކުރުމުގެ މަރުހަލާގައި ބިލަށް އިތުރު އިސްލާހުތައް ހުށަހަޅައި، ރައްޔިތުންނަށް ލިއްބައިދޭ ބާރުތައް އިތުރު ކުރުމަށްވެސް މެންބަރުން ވަަނީ ޚިޔާލު ހުށަހަޅުއްވާފައެވެ.