އިމްޕޯޓު އެކްސްޕޯޓުގެ ލިޔުންތައް ނިންމުމާއި މުދާ ދޫކުރުމުގެ މަސައްކަތަށް ބޭނުންކުރާ ޕްރޮގްރާމްގެ އެންމެ ފަހުގެ ވަރޝަން ބޭނުންކުރަން ފެށުމުގެ ގޮތުން އޭގެ ޓެސްޓިންގ މަރުޙަލާ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ. img:http://s4.psmnews.mv/images/660x400/9660.jpg|ރާއްޖެ އެތެރެކޮށްފައިވާ މުދާތަކެއް ކަސްޓަމްސް އޮފިސަރުންތަކެއް ބައްލަވަނީ - ފައިލް ފޮޓޯ: ކަސްޓަމްސް
މިހާރު ބޭނުންކުރާ 'އަސިކުޑާ' ޕްރޮގްރާމްގެ އެންމެ ފަހުގެ ވަރޝަން ކަމަށްވާ 'އަސިކުޑާ ވަރލްޑް'ގެ ޓެސްޓިންގެ މަރުޙަލާ ފުރަތަމަ ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މާލޭ ސީ ޕޯޓުގައެވެ. ކަސްޓަމްސްއިން މައުލޫމާތުދޭގޮތުގައި މާލޭ ސީ ޕޯޓުގައި ޓެސްޓިން މަރުޙަލާ ކުރިއަށް ގެންދިޔުމަށްފަހު އަންނަ ސެޕްޓެމްބަރމަހުގެ 1 ން ފެށިގެން ވައިގެ މަގުން އަންނަ މުދަލާއި ޕޯސްޓްގެ މަގުން އަންނަ މުދާ ކްލިއަރ ކުރުމުގައި މިނިޒާމް ބޭނުންކުރަން ފަށާނެ ކަމަށާއި އަދި އޮކްޓޯބަރ މަހުގެ 1 ން ފެށިގެން ރީޖަނަލް ކަސްޓަމްސްތަކުގައި މިނިޒާމް ބޭނުން ކުރުމަށް ވަނީ ރާވާފައެވެ. އަދި ބޮންޑެޑް ވެއަރހައުސްތަކުގައި މި ނިޒާމް ބޭނުންކުރަން ފަށަން ރާވާފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ. img:http://s2.psmnews.mv/images/660x400/5783.jpg|މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ކަސްޓަމްސް
އެކްސްޕޯޓު އިމްޕޯޓު މުދާ ކްލިއަރ ކުރުމަށް މިހާރު ބޭނުންކުރާ ނިޒާމަށް މިގެނެވޭ ބަދަލުގެ ސަބަބުން ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތު މަދުކުރެވި، މުދާ މިހާރަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ކަސްޓަމްސްއިން ހާމަކުރައްވައެވެ. އަދި ވިޔަފާރިވެރިންނާއި ބްރޯކަރުންނަށް އެފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން މުދާ ކްލިއަރކުރުމުގެ ކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި މި ނިޒާމްގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ސިންގަލް ވިންޑޯ ސިސްޓަމް ޤާއިމްކުރުމަށް މަގުފަހިވެ، އެކްސްޕޯޓް އިމްޕޯޓާގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ހުރިހާ އިދާރާތައްވެސް އޮންލައިކޮށް ގުޅާލުމަށް ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.
"އަސިކުޑާ ވަރލްޑް" ނިޒާމް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަސްޓްމްސްގެ އަހަރީ ހަފްލާގައެވެ.