ޚަބަރު

ރެއާލް މެޑްރިޑް ދޫކޮށް މޮޑްރިޗް އޭސީ މިލާނަށް


ރެއާލް މެޑްރިޑަށް ކުޅެމުންދާ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނާއި ވަރަށް އަވަހަށް ގުޅޭނެ ކަމަށް އޭސީ މިލާނުގެ ކޯޗު ބުނެފި އެވެ.

އޭސީ މިލާނުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފައިވަނީ މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު އުމުރުން 39 އަހަރުގެ މޮޑްރިޗް އޭސީ މިލާނަށް ބަދަލުވާނެ ކަމަށެވެ. މޮޑްރިޗް ވަނީ 13 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެކަން މިދިޔަ މެއި މަހު އިއުލާން ކޮށްފަ އެވެ.

އޭސީ މިލާނުގެ ކުރީގެ ކޯޗު ސާރޖިއޯ ކޮންސެއިސާއޯ މަގާމުން ދުރު ކުރުމަށްފަހު ދެވަނަ ފަހަރަށް އޭސީ މިލާނުގެ ކޯޗު ކަމާއި ހަވާލުވި އަލެގްރީ ފުރަތަމަ ފަހަރަށް އޭސީ މިލާނުގެ ކޯޗުގެ ގޮތުގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ބުނެފައިވަނީ އޮގަސްޓް މަހު މޮޑްރިޗް އޭސީ މިލާނާއި ގުޅޭނެ ކަމަށެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެއާލް މެޑްރިޑް ކުޅުނު ފަސް މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވާ މޮޑްރިޗް ވަނީ ކުއާޓަރ ފައިނަލުގައި ބޮރޫޝިޔާ ޑޯޓްމަންޑް އަތުން މޮޅުވި މެޗުގައިވެސް ކުޅެފަ އެވެ.

2018 ވަނަ އަހަރުގެ ބެލޮން ޑިއޯ އެވޯޑް ކާމިޔާބުކުރި މޮޑްރިޗް ވަނީ ރެއާލް މެޑްރިޑް އާއިއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު އަދި ލަލީގާގެ ޗެމްޕިއަންކަން ހަތަރު ފަހަރު މަތިން ހޯދާފަ އެވެ. މޮޑްރިޗް ރެއާލް މެޑްރިޑް އާއި ގުޅިފައިވަނީ 2012 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ރެއާލް މެޑްރިޑް އިންނެވެ.

2026 ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ކުޅެން ބޭނުންވެފައިވާ މޮޑްރިޗް އެހެން ކްލަބަކަށް ބަދަލުވަނީ އޭނާއަށް ކުޅެން ލިބޭ ވަގުތު ރެއާލް މެޑްރިޑްގައި މަދުވުމުގެ ސަބަބުންނެވެ.