ޚަބަރު

މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް


  • މިމަސައްކަތު ބައްދަލުވުމުގައި 60 މަސްވެރިން ވަނީ ބައިވެރިވެފައި

  • މިމަސްވެރިކަން ތަރައްޤީކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައި

ރާއްޖޭގައި މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި 60 މަސްވެރިން ވަނީ ބައިވެރިވެފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝިންގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމެއްކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން، މި މަސައްކަތު ބައްދަލުވުންތަކުގެ ބައިވެރިންގެ މަޝްވަރާތަކާއި ޚިޔާލުތައް ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތްތަކާއި ހަމައަށް ގެންގޮސްދީ، މި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަަކީވެސް މި ބައްދަލުވުމުގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

"މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ސްޕޯޓްސް ފިޝިން ކުރިއެރުވިދާނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ހަމަމިއާއެކު، ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިފަދަ ގޮތަކަށް ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުންކަމަށެވެ. އަދި އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް މިފަދަ އެތައް ބައްދަލުވުންތަކެއް ބާއްވައި، މި ސިނާއަތުގައި ނުވަތަ މިފަދަ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީވެސް ދަޢުލަތް ދަންނަ ބަޔަކަށް ހެދުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން، މުޅި ޖުމްލަ 216 އެޕްލިކޭޝަން ލިބިފައިވާއިރު، 60 މަސްވެރިއަކަށް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މި 60 ބައިވެރިންނަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް ހޮވާފައިވާ ބައިވެރިންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ސްޕޯޓްސް ފިޝިންއަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ހަރަކާތެކެވެ. ވުމާއެކު، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި، މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސްއެކުއެވެ.

ސްޕޯޓްސް ފިޝިންއާއި ފަރުމަހުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިއީ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އެކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ.