ޚަބަރު

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގެ ފައިދާ ރާއްޖެއަށް ކުރާނެ: މާލީ ވަޒީރު


  • ސިންގަޕޫރުގެ އިންވެސްޓަރުން ރާއްޖެއަށް ޝަޢުގުވެރިކަން ބޮޑު

  • ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ސިންގަޕޫރުގެ އިންވެސްޓަރުން ގިނަ

ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝަޢުގުވެރިކަން އެބަހުރިކަމަށާއި، އޭގެ ރަނގަޅު ނަތީޖާ ފެންނާނެކަމަށް އުންމީދުކުރެވޭކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް އައި ކުރިއެރުމުގައި ސިންގަޕުރަކީ މުހިންމު ބައިވެރިއެއްކަމަށެވެ.

ސިންގަޕޫރުގައި ބޭއްވި މީޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާލީ ކަންކަމާއި ތަރަޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ސިންގަޕޫރުގެ ވަރަށް ގިނަ އިންވެސޓަރުން އެބަތިބިކަމަށެވެ. އަދި އިތުރު އިންވެސްޓަރުންގެ ޝަޢުގުވެރިކަންވެސް ރާއްޖެއަށް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްއައި ކުރިއެރުމުގައި ސިންގަޕޫރަކީ ވަރަށް ބޮޑަށް ބައިވެރިވެފައިވާ ޤައުމެއްކަމަށެވެ.

"ސިންގަޕޫރުގެ އިންވެސްޓަރުންނާއި ސިންގަޕޫރުގައި ރަޖިސްޓްރީވެގެން ރާއްޖޭގައި ވިޔަފާރި ކުރުމާއި އަދި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރާ ބޮޑެތި ހޮޓެލްތަކާއި އޮފީސްތައްވެސް ހުރޭ. މި އޮޕަޗިއުނިޓީ ބޭނުންކޮށްގެން ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިކޮނަމީ ޑައިވާސިފައި ކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީ ވަރަށް ގިނަ އިންވެސްޓާސްއާއި ސަރުކާރުގެ ފަރާތުންވެސް ރައީސް އާ ބައްދަލުކޮށް ރާއްޖެއިން ލިބެން ހުރި ޚިދުމަތްތަކާއި ބަދަލުވަމުންދާ ޙާލަތާއި އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތަށް ކުރެވޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދައިފި." މާލީ ކަންކަމާއި ތަރަޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްއަކީ ވަރަށް ކާމިޔާބު ފޯރަމެއްގެ ގޮތުގައި ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ މި ފޯރަމްގެ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާއިގުޅިގެން ދެ ޤައުމުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށާއި، ޚާއްޞަކޮށް ވިޔަފާރީގެ ގުޅުންވެސް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވެސް ވަނީ ބިޒްނަސް ފޯރަމްގެ ކާމިޔާބީ ފާހަގަކުރައްވަފައެވެ. އެގޮތުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ މަޝްރޫޢުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގިވެރިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސިންގަޕޫރުގެ ގިނަ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކޮށް ކާމިޔާބު އިންވެސްޓަރުންނަށް ވާނެކަމަށް އިންމީދުކުރެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ސިންގަޕޫރަކީ ރާއްޖެއާއެކު 50 އަހަރުގެ ގުޅުން ބަދަހިވެގެން ދިޔައިރު ރާއްޖޭގެ ތަރައްޤީގެ މަގުގައި ބޮޑު ހިއްސާއެއް އޮތް ބައެއް ސިންގަޕޫރުގެ އިންވެސްޓަރުންނަކީ. ޚާއްސަކޮށް ޓުއަރިޒަމް އިންޑަސްޓްރީގައި. ސިންގަޕޫރުގެ އިންވެސްޓަރުންނަކީ އެ ޤައުމުގެ ތަރައްޤީއަށް ބިނާކޮށް އޭގެއިން އަޅުގަނޑުމެން އަބަދުވެސް ލެސަންތައް ލާރންކުރަމުން އަންނަ ޤައުމެއް. އުންމީދަކީ ސިންގަޕޫރުގެ އިންވެސްޓަރުން، އަޅުގަނޑުމެން ފެންނަން ބޭނުންވާ މަޝްރޫޢުތަކަށް އިންވެސްޓްކޮށްގެން އެ މަޝްރޫޢުތަކަކީ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކާމިޔާބު ލިބި އޭގެ ފޮނި މީރުކަން ދިވެހިންނަށް ލިބޭނެ މަޝްރޫޢުތަކަކަށްވުން." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަޒް ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވެއެވެ. މި ފޯރަމަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި ފޯރަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެކެވެ.

‎2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެތެރޭގައި ހިމެނޭ، ސާފު ހަކަތައާއި މަތީ ފަންތީގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުޞަތުތައް، މި ފޯރަމްގެ މުހިންމު ބައެއްގޮތުގައި އާންމުކުރައްވާފައިވެއެވެ.