ޚަބަރު

މާފަރުގެ އިހްތިޞާސުން ފަރުމުލި އުނިކޮށް، އެރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ރައީސް ނިންމަވައިފި


  • "ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫން ކަމުގައި ރައީސް ކަނޑައެޅުއްވީ މިއަދު

  • ރައީސް މިގޮތަށް ނިންމެވީ އެމަނިކުފާނުގެ ޚާއްސަ ޤަރާރަކުން

މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ނ. ފަރުމުލި އަދި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ނެރުއްވި ޤަރާރަކުން ކަނޑައެޅުއްވިއެވެ. ނަމަވެސް މިއަދު އެމަނިކުފާނު ވަނީ އެ ނިންމުން ބަދަލު ކުރައްވައި މާފަރުގެ އިހުތިސާސުން ފަރުމުލި އުނިކުރައްވާފައެވެ.

މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

މިއާއެކު، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ވަނީ ކަނޑައަޅުއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި ހަމައެއާއެކު އިޤްތިޞާދީ އެކި މަސައްކަތްތައް ކުރެވޭނެހެން އެކި ރަށްރަށާ ކައިރީ ހުރި ފަޅުރަށްތައް ގެންދަވަނީ އެކި ކައުންސިލްތަކުގެ އިޙްތިޞާސްގެ ތެރޭގައި ހިމަނުއްވަމުންނެވެ. މިއީ ކައުންސިލްތައް ބާރުވެރިކުރުވާ މާލީގޮތުން ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކެކެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވެއެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.