ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް މެންބަރު ހުރިހާ ކުލަބެއް ކަމަށްވާ 23 ކުލަބުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) ފޯމު ހުށަހަޅުއްވައިފިއެވެ.
އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް އޭނާ ފޯމު ހުށަހެޅުއްވީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުއެވެ.
އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 26 ގައެވެ. ރާއްޖޭގެ ފުޓްބޯޅަ އިދާރާ އަލުން ކޮޅަށް ޖެހުމާއި އަތޮޅުތެރޭގެ ހަރަކާތްތެރިކަން އިތުރުކޮށް ފުޓްބޯޅަ ކުރިން އޮތް މަގާމަށް ގެނެސްދެއްވުމަށް އައު ހިންގާ ކޮމިޓީއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ތޯރިގް އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މީގެ ކުރިންވެސް މަސައްކަތް ކުރެއްވިއެވެ.
އެކި ސަބަބުތަކަައި ހުރެ އިންތިހާބު ނުބޭއްވި މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން ފީފާއިން ވަނީ އެފްއޭއެމް ނޯމަލައިޒްކޮށްފައެވެ.
އެފްއޭއެމުގެ އިންތިހާބު މިދިޔަ ދޮޅު އަހަރު ތެރޭގައި ވަނީ ދެ ފަހަރަށް ނުބޭއްވި ފަސްވެފައެވެ.
އެންމެ ފަހުން ފީފާއިން ވަނީ މީގެ އެއް އަހަރު ކުރިން އެފްއޭއެމުގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށްފައެވެ. އަދި އިސްލާހުކުރި ގަވާއިދުގެ ދަށުން ބައްސާމަށް ވަނީ މިފަހަރު އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ.
ބައްސާމް ސަސްޕެންޑްކުރީ ހިޔާނާތާއި ހިންގުމުގެބައިވަރު މައްސަލަތަކާހުރެއެވެ. އޭނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް ވެސް ވަނީ ރާއްޖޭގެ ކޯޓުތަކުގައި އުފުލާފަ އެވެ.
ބައްސާމަށް ފަހު އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރައްވަން މަސައްކަތް ކުރެއްވީ ކުލަބު އީގަލްސްގެ ފަރާތުން މުފާވިޒް ހާޝިމެވެ. އެ ފަހަރުގެއިންތިހާބު ކެންސަލްވުމުން ދެ ވަނަ ފަހަރަށް ކުރިމަތިލެއްވީ އަނެއްކާވެސް ބައްސާމެވެ. އެ ފަހަރު ބާއްވަން އުޅުނު އިންތިހާބު ސައްހަ ނޫން ކަމަށް ނިންމީ ފީފާއިންނެވެ.